ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް، މާމިގިލީ ދާއިރާ އަށް އަލުން އިންތިޚާބުވި މިހާރު ވެސް އެ ދާއިރާގެ ގާސިމް އިބްރާހީމް މިއަދު ނިންމަވައިފި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް "ހަވީރަ"ށް ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ހޮވި، އާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމެވީ، މަޖިލީހުގެ މިހާރުގެ މެމްބަރުންގެ އިތުރުން އަލަށް ހޮވުނު މެމްބަރުން ވެސް އެދިވަޑައިގަންނަވާތީ އެވެ. މީގެ އިތުރުން އާންމުންގެ ތެެރެއިން ވެސް ގިނަ ބަޔަކު އެކަމަށް އެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާރު އަމަލުކުރާ ގާނޫނު އަސާސީ ފާސްކުރި އިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ ސަޕޯޓް ވެސް އޭނާ އަށް އެބައޮތް ކަމަށެވެ. "ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ވެސް އެދިވަޑައިގަންނަވާތީ ދެއްތޯ އަޅުގަނޑު ކުރިމަތިލާނީ،" ގާސިމް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވިކަން ގާސިމް މިއަދު އިއުލާން ކުރެއްވި ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާ މެދު އަދި ނުވިސްނަވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ މެދު ގޮތެއް ނިންމަވާނީ ވަގުތު އައިސް ޖެހުމުން ކަމަށް ގާސިމް އެ ދުވަހު ވިދާޅުވި އެވެ. މޭ މަހު ފަހުކޮޅު ހުވާކުރާ އާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު، މިފަހަރުގެ އާންމު އިންތިޚާބުގައި ލިބުނީ ސަރުކާރު ކޯލިޝަނަށެވެ. މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމާއި ޖޭޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަށް ވަނީ 53 ގޮނޑި ލިބިފަ އެވެ. އޭގެ ތެރެއިން ޕީޕީއެމަށް 33 ގޮނޑި ލިބުނުއިރު 15 ގޮނޑި ޖޭޕީ އަށް، އެމްޑީއޭ އަށް ފަސް ގޮނޑި އަދި އަލާތު ޕާޓީ އަށް އެއް ގޮނޑި ލިބުނެވެ. އިދިކޮޅު އެމްޑީޕީ އަށް 26 ގޮނޑި ލިބުނުއިރު މިނިވަން ފަސް މެމްބަރަކު އާ މަޖިލީހަށް ވަނީ އިންތިޚާބުވެފަ އެވެ. މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން، އަލަށް އިންތިޚާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، މަޖިލީހުގެ ރައީސަކާއި ނާއިބު ރައީސަކު ސިއްރު ވޯޓަކުން އިންތިޚާބު ކުރަންޖެހެ އެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސަކާއި ނާއިބު ރައީސަކު އިންތިޚާބު ކުރެވެންދެން، ޖަލްސާގެ ރިއާސަތު ބަލަހައްޓަވާނީ ގާނޫނު އަސާސީގައި ގޮތުން، މެމްބަރުންގެ ތެރެއިން، މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އަދި ގިނަ ދުވަސްވީ ގިނަ މެމްބަރުންތަކެއް ތިބި ނަމަ، އެ ޖަލްސާގެ ރިއާސަތު ބަލަހައްޓަވާނީ އޭގެ ތެރެއިން އުމުރުން ދޮށީ މެމްބަރު ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ