ކެމެރާ ނުވެއްދޭ މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފި

ވޯޓު ލާ ސަރަހައްދަށް ކެމެރާއާ އެކު ނޫސްވެރިންނަށް ނުވަދެވޭ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފި އެވެ. ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޮތް ގޮތުން ވޯޓުލާ ސަރަހައްދަށް ނޫސްވެރިންނަށް ވެސް ގަލަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ނިންމައިފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ނޫސްވެރިންނަށް ވޯޓުލާ ސަރަހައްދަށް ކެމެރާ ނުވެއްދޭ ގޮތް ހެދުމަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ރޫހު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ސުޕްރީމް ކޯޓުން އަދި އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓުލާ މަރުކަޒަށް ނޫސްވެރިންނަށް ކެމެރާ ނުވެއްދޭ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. ވޯޓުލާ މަރުކަޒުގައި ނޫސްވެރިންނަށް ފުރިހަމައަށް ހަރަކާތްތެރި ނުވެވޭ މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް މިއަދު ގެނެސްފައިވާނެ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ހުޝާމް ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ހައްލެއް ހޯދައި ދެއްވާނެ ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި ނުވަތަ އެ ނޫން ގޮތަކުން ކަމަށް ވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތުން) ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަހާއި ފައިލް ފަދަ ކެންޑިޑޭޓެއްގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަށް ބެލެވޭ އެ ނޫން ވެސް އެފަދަ ވަސީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާ ކަމެއް ކަމަށް ހަމަޖެއްސުމާއެކު އެފަދަ އަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރުމަށެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވަނީ މި މަހު 19 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ