އައިއެސްއާ އެކު ހަނގުރާމަކުރާ ދިވެހިންގެ އަދަދު ވިއްސަށް ވުރެ ވެސް މަދު: އުމަރު

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު ވިއްސަށް ވުރެ ވެސް މަދުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް ބުނެ ޖަރުމަންގެ ގައުމީ ޓީވީ، އޭއާރުޑީން ހެދި ޑޮކިއުމެންޓްރީގެ ޓްރެއިލާގައި، ރާއްޖެ އިން ހަނގުރާމަ އަށް ދިޔަ މީހުންގެ އަދަދު 200 އަށް އަރާ ކަމަށް ބުނެފައިވާތީ، "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ އެއީ ޕްރޮގެންޑާ ވާހަކަތަކެއް ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި އައިއެސްއާ އެކު ހަނގުރާމަކުރަން ދިޔަ މީހުންގެ އަނބިންނާއި ދަރިންނާއި މައިންބަފައިންގެ އަދަދު އެއްކުރުމުން، ސީރިއާގައި ތިބި ދިވެހިންގެ އަދަދު 100 އަށް ވުރެ ވެސް ދަށްވާނެ އެވެ. "އަޅުގަނޑުމެންގެ އަސްލު އަދަދަކީ 79 ވަރުހެން ހީވަނީ. އެމީހުންނާ އެކު ދާ އެންމެންނަކީ ހަނގުރާމަ އަށް ދާ ބައެއް ނޫން. ރާއްޖެ އަކީ މިކަމުގައި އެންމެ ދަށް އެއް ގައުމު،" އުމަރު ވިދާޅުވި އެވެ. "އެކަމަކު އެމްޑީޕީ މީހުން މި ގައުމަށް ޖެއްސުން ކުރުމަށްޓަކައި އަދި އެމީހުންނަކީ ދީނީ ގޮތުން ހައްދު ފަހަނައެޅުމާ ފައިޓް ކުރާ މީހުންނޭ ބުނެ އެ ވިއްކުމަށްޓަކައި، އެއްކަލަ އާއިލާތަކާއި ކުޑަކުދިން ވެސް ލައިގެން އެއަށް ދެ ގުނަ އިތުރުކޮށްގެން އަދަދު އެ ކިޔަނީ." ސީރިއާގެ ހަނގުރާމަވެރިން: ހަނގުރާމަ އަށް ގޮސް ތިބި ދިވެހިންގެ އަދަދު ވިއްސަށް ވެސް ނާރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އުމަރު ވިދާޅުވި ގޮތުގައި އައިއެސްއާ އެކު ހަނގުރާމަކުރާ ދިވެހިންގެ އަދަދު އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ އިންޓެލިޖެންސަށް ވެސް ވާނީ އަންގައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ހައްދުފަނައެޅި މީހުން ތިބި ކަމަށް ބުނެ ވާހަކަ ދައްކަނީ، ރާއްޖޭގައި އެމްޑީޕީ ފޭލްވެ، ދެން ކުރާނެ އެހެން ކަމެއް ނެތުމުން ކަމަށެވެ. އަދި އެމީހުންގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލައިގެން، ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިންޖުވާން" ނަމުގައި އެމްޑީޕީން އެންމެ ފަހުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން: ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އެބައޮތް ކަމަށް ބުނެ އަޑުފަތުރަނީ އެމްޑީޕީން ގޮތް ހުސްވެގެން ކަމަށް އުމަރު ވިދާޅުވި --ހަވީރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން "ސަރުކާރަށް ކިތަންމެ ޕްރެޝަރެއް އަޔަސް ފުރަތަމަ ކަމަކަށް ނަޝީދު ދުލެއް ނުކުރާނެ. ޝަރުއީ ކޯޓަކުން ނޫން ގޮތަކަށް ނޯންނާނެ ދޫކުރެވޭކަށް. ބޭރުގެ ބައެެއް ޖަމިއްޔާތައް އެކޮޅޮކޮޅުން ޖެހުނަސް އެކަމެއް ނުކުރާނެ. ހެޔޮ ދަތިކުރުމުގެ ފިޔަވަޅެއް ނޫން، ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަންނި ދުލެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަށް ސަރުކާރާ އެކު "ގެރިކޮށް ކުޅެވެން" ނެތް ކަމަށެވެ. އަދި "އަޅުގަނޑުމެންނާ އެކު ގެރިކޮށް ކުޅެން ނުކުމެއްޖިއްޔާ އެއަށް ވުރެ މާ ގެރިކޮށް އަޅުގަނޑުމެން ކުޅޭނެ" ކަމަށް ވެސް ވިދާޅުވި އެވެ. "އެހެންވީމާ އެ ހުރިހާ ކަމެއް ހުސްވީމާ، ރާއްޖޭގެ އަގު ވެއްޓުމުގެ މަސައްކަތް މި ފެށީ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއާ ބަލާއިރު ރާއްޖެ އޮތީ ވަރަށް ބޮޑު ހަމަޖެހުމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ވަޅި ހެރުމާއި މާރާމާރީ އާއި މީހުން މެރުން ހުއްޓުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު ކުށްކުރުން ވެސް ދަށްވާނެ. ގޭންގްތައް އެބަ އުޅޭ. އެކަމަކު އޮޕަރޭޓެއް ނުކުރެވޭނެ. އެމީހުން ފަހައި އަޅުގަނޑުމެން މި ދުވަނީ. ގޭންގްތަކުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓް ފުލުހުންނަށް އޮންނާނީ ދީފައި. އެމީހުން ނަގަމުން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ. ޖަރުމަންގެ ގައުމީ ޓީވީން އާއްމުކުރި ޓްރެއިލާގައި ބުނެފައި ވަނީ ރާއްޖޭގައި ދީނީ ހައްދުފަހަނައަޅައިދިއުން ކަންބޮޑުވާ ދަރަޖަ އަށް އެބަ އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ