މެމްބަރު ފައިސަލްގެ އެހީ ގާފަރާއި ކާށިދޫ ޓީޗަރުންނަށް

ކ. ގާފަރާއި ކާށިދޫ ސްކޫލުގެ ޓީޗަރުންގެ ތެރެއިން މި އަހަރު ޑިޕްލޮމާ ހަދާ ޓީޗަރުންގެ ކޯސް ފީގެ ދެބައި ކުޅަ އެއްބައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ މެމްބަރު ފައިސަލް ނަސީމް ދެއްވާ ގޮތަށް ހަމަޖައްސައިފި އެވެ. އޭނާ ހިންގަވާ، "ފައިސަލް ފައުންޑޭޝަނު"ން، ކޯސް ފީ ދެނީ ގައުމީ ޔުނިވަސިޓީން ޑިޕްލޮމާ ހަދާ ޓީޗަރުންނަށެވެ. ޔުނިވަސިޓީން ކުރިއަށް ގެންދާ ޓީޗަރުންގެ ޑިޕްލޮމާ ކޯހުގެ ފީ އަކީ 4،770 ރުފިޔާ އެވެ. މި އަހަރު އަމަލުކުރަން ފެށި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ކޮންމެ ޓީޗަރެއްގެ އަތުގައި ވެސް ޑިޕްލޮމާ ލެވެލް އިން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެ އެވެ. އަދި އެފަދަ ސެޓްފިކެޓެއް ނޯންނަ ޓީޗަރުންނަށް މި އަހަރު ނިމުމުގެ ކުރިން، ޑިޕްލޮމާ ލެވެލް އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވަސިޓީންނާއި މަންދު ކޮލެޖުން ވަނީ ދީފަ އެވެ. ފައިސަލް ފައުންޑޭޝަނުން ވަނީ ގާތްގަނޑަކަށް 12 ވަރަކަށް ޓީޗަރުންނަށް ކިޔެވުމުގެ ހަރަދު ދޭން ނިންމާފަ އެވެ. ފައިސަލް ވިދާޅުވީ ސަރުކާރުން އަޅާ ކުއްލި ފިޔަވަޅެއްގެ ސަބަބުން އެެއްވެސް ޓީޗަރެއްގެ ވަޒީފާ ގެއްލެން ބޭނުންނުވާ ކަމަށާއި ކާށިދު އާއި ގާފަރުގެ ހުރިހާ ޓީޗަރުންނަށް އިތުރު ތަމްރީނު ހޯދައި ދެއްވާނެ ކަމަށެވެ. "އެ މީހުންގެ ވަޒީފާ ގެރެންޓީ ކޮށްދިނުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން،" އޭނާ ވިދާޅުވި އެވެ. އެ ފައުންޑޭޝަނުން ބުނީ މި އެހީގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކާށިދޫ އަދި ގާފަރުގެ ޓީޗަރުންނަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މުސާރައިގެ އޮނިގަނޑުގެ ދަށުން ޓީޗަރުންގެ މުސާރަ 33 ޕަސެންޓަށް ބޮޑުކުރި އިރު އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ލެވެލް އިން ފެށިގެން މަތީގެ ޓީޗަރުންނެވެ. އެހެންވެ، މުސާރަ ބޮޑުކުރަން ބޭނުންވާ ނަމަ ޓީޗަރުން އިތުރަށް ކިޔަވަން ޖެހޭނެ އެވެ. މި އަހަރުގެ ނިޔަލަށް ޑިޕްލޮމާ ނުހަދާ ނަމަ، 1،200 އަށް ވުރެ ގިނަ ޓީޗަރުންގެ ވަޒީފާ ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ