އަބްދުﷲ ހަމީދުގެ ޖަނާޒާ މާދަމާ އިސްލާމީ މަރުކަޒުގައި

އިންޑިއާގެ ބެންގަލޫރުގައި އިއްޔެ އަވަހާރަވި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ޖަނާޒާގެ ކަންތައް މާދަމާ ބާއްވަން އެމަނިކުފާނުގެ އާއިލާއިން ނިންމައިފި އެވެ. ސަރުކާރަށް 52 އަހަރު ވަންދެން ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަމީދު 76، ގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު ފަހު 1:00 އިން ރޭގަނޑު 7:00 އަށެވެ. ކަށު ނަމާދު އޮންނާނީ މާދަމާ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. "ބޮޑަށް ބެލެވޭ ގޮތުގައި މާދަމާގެ މެންދުރުގެ ވަގުތެއްގައި ބައްޕަގެ ހަށިގަނޑު މާލެ ގެންނާނެ. އަދި ހަމަޖެހިފައިވާ ގޮތުން ނަމަ މާދަމާގެ މެންދުރު އެކަކާއި ރޭގަނޑު ހަތަކާ ދެމެދުގެ ވަގުތެއްގައި މޫނު ދެއްކުން އޮންނާނީ. އެކަން ބޮޑަށް ނިންމަވާނީ އިސްލާމިކް މިނިސްޓްރީން،" ހަމީދުގެ ދަރިކަލުން މައުމޫން ވިދާޅުވި އެވެ. އަބްދުﷲ ހަމީދާ ގުޅޭ ބައެއް މައުލޫމާތު:ސަރުކާރަށް 52 އަހަރު ހިދުމަތް ކުރެއްވި. ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ މޭ 28، 1952 ގައި.ފުރަތަމަ އަދާކުރެއްވި ވަޒީފާ އަކީ މުވާސަލާތު އޮފީހުގެ ކާތިބު ކަމުގެ މަގާމު. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ އަތޮޅުތަކާބެހޭ ދާއިރާގައި. އެންމެ ފަހުން އަދާކުރެއްވީ ސީނިއާ މިނިސްޓަރުކަން. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ދެ ދައުރު އަދާކުރެއްވި. މަޖިލީހުގައި 43 އަހަރު ހޭދަކުރެއްވި. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވޭ. ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ ޝަރަފްވެރިކަމުގެ އިނާމު 1991 ގައި ލިބިވަޑައިގަތް. ވާހަކަ ދެއްކުންތެރިކަމުން ޝަރަފްވެރިކަމުގެ އިނާމު ވަނީ 2000 ވަނަ އަހަރު ލިބިވަޑައިގެންފައި.އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި ބެންގަލޫރުގައި. އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވެސް ވަނީ މާދަމާ މެންދުރު ފަހު 1:00 އިން ފެށިގެން ހަމީދުގެ މޫނު ދެއްކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ ހަމީދުގެ ފަސްދާނުލުމުގެ ކަންތައް ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދެވުމަށެވެ. ހަމީދު އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ރައީސް ޔާމީން ވަނީ ނިންމައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސް ޔާމީނާ އެއްބަފާ ބޭބެ އަވަހަރަވީ ހިތުގެ އާލާސްކަންފުޅަކަށް ބެންގަލޫރުގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ. މައުމޫންގެ ސަރުކާރުގެ ދުވަސްވަރު އެޓޮލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަމާއި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދަށް މިދިޔަ މަހު ސްޓްރޯކެއް ޖެހިގެން ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. މިދިޔަ މަހުގެ 15 ގައި އެމަނިކުފާނު ބެންގަލޫރަށް ގެންދިޔައީ އިތުރު ފަރުވާއަށެވެ. ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެމަނިކުފާނަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ. މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. ހަމީދު އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ. ހަމީދު އަވަހާރަވިއިރު އެ މަނިކުފާނުގެ ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ހަމީދަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ ކެންސަރުގެ އާ؛ލާސްކަންފުޅެއްގައި ދާދި ފަހުން އަވަހާރަވެފަ އެވެ. ހަމީދަށް ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ