ގައުމުގެ ކުރިމަގު އުޖާލާވުން ގުޅިފައި ވަނީ މިއަދުގެ ޒުވާނުންނާ: މައުމޫން

ދިވެހި ގައުމުގެ ކުރިމަގު އުޖާލާވުމާއި ބަނަވެގެން ދިޔުން ގުޅިފައިވަނީ މިއަދުގެ ޒުވާނުންނާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތިން ވަނަ މަހާސިންތާ ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މި ބަދަލުވަމުންދާ ދުނިޔޭގައި އަޅުގަނޑުމެން އުޅެމުންދާ އިރު ޒުވާނުންނާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. "ޒުވާނުންނަކީ މުސްތަގުބަލް. މިއަދުގެ ޒުވާނުންނަކީ ކުރިމަގުގެ ވިސްނުމާއި އިލްމާއި ސިޔާސަތުގެ މޭސްތިރިން. މިއަދުގެ ޒުވާނުންނަކީ ސޯލިހު ބަޔަކު ކަމުގައިވެއްޖެ ނަމަ ގައުމުގެ މުސްތަގުބަލު އުޖާލާވާނެ. މިއަދުގެ ޒުވާނުންނަކީ ފަސާދަވެފައިވާ ބަޔަކު ކަމުގައި ވެއްޖެ ނަމަ، ގައުމުގެ މުސްތަގުބަލު ބަނަވެގެންދާނެ،" މައުމޫން ވިދާޅުވި އެވެ. ދީނީ އިލްމުވެރިންގެ ތިން ވަނަ މަހާސިންތާ އިފްތިތާހްކުރުމުގެ ޖަލްސާގައި (ކ-ވ) ސައޫދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝައިޚް ސޯލިހް، ރައީސް މައުމޫން އަދި ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޒިޔާދު. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން އެމަނިކުފާނު ވިދާޅުވީ މިއީ ދުވަހުން ދުވަހަށް ބަދަލުވަމުންދާ ދުނިޔެއެއް ކަމުގައި ވާތީ އަޅުގަނޑުމެން ތިބެންޖެހޭނީ އެކަމާ މެދު ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށާއި ހާއްސަކޮށް ނުބައި މަގަކުން ހިނގައިދާނެ ކަމަށްޓަކައި ޒުވާނުންނާ މެދު އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ. މައުމޫން ވިދާޅުވީ މި މަހާސިންތާ ޒުވާނުންގެ ދައުރުގެ މައްޗަށް ހާއްސަކޮށްފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޒުވާނުންނަކީ އެބަޔަކާ މެދު މުޅި ގައުމު ވެސް ފަޚުރުވެރިވާ ބައެއް ކަމަށެވެ. އެ ބައެއްގެ ދައުރަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރުކުރާ ބައެއް ކަމަށާއި ހާއްސަކޮށް ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް ދޭއިރު، ޒުވާނުންނާ ބެހޭ ގޮތުން އިސްލާމް ދީނުގައި އޮތީ ކީކޭތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ. "ޒުވާނުންނާ ބެހޭ ގޮތުން އިސްލާމް ދީނުގައި އޮތީ ކީކޭތޯ، ކިހިނެއްތޯ އިސްލާމީ އުސޫލުތަކެއްގެ މަތިން އަޅުގަނޑުމެން ޒުވާނުން ތަރުބިއްޔަތު ކުރާނީ، އަދި ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ހަދާނީ ކިހިނެއްތޯ، މިއީ ވަރަށް މުހިންމު ސުވާލުތަކެއް. މި ސުވާލުތަކަށް އެކަށީގެންވާ ރަނގަޅު ޖަވާބުތަކެއް ލިބެންޖެހޭ. އެހެންވީމާ މި މަހާސިންތާއަކީ އެ ގޮތުން ވަރަށް މުހިންމު މަހާސިންތާއެއް ކަމުގައި ދަންނަވަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ. ދީނީ އިލްމުވެރިންގެ ތިން ވަނަ މަހާސިންތާ އިފްތިތާހްކުރުމުގެ ޖަލްސާގައި ބައެއް އިއްޒަތްތެރިން. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން މައުމޫން ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގެ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފައިދާ ހުރީ ކޮން ކަންތައްތަކެއްތޯ ދެނެގަންނަން ޖެހޭ ކަމަށާއި ގަބޫލުކުރަންވީ ކަންތަކާއި ދީނާއި އަގީދާއާ ޚިލާފުވާތީ ދޫކޮށްލަންވީ ކަންތައް ވެސް ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. "އިލްމުވެރިންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު. އިލްމުވެރިންނަކީ ގައުމަށް މުޖްތަމައަށް މަގުދައްކަވަން ތިއްބަވާ ބޭފުޅުން. އެ ބޭފުޅުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް ބަޔާންކޮށްދެއްވުން. އެކިއެކި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ އިރު ކޮބައިތޯ ރަނގަޅު ގޮތަކީ ކޮބައިތޯ ނުރަނގަޅު ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ ރައްކާތެރިވާންޖެހޭ ކަންތައްތަކަކީ، މި ކަންތައްތައް އިލްމުވެރިން ޖެހޭ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަން." މައުމޫން ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ތިބީތީ، އެ ޒުވާނުންނަށް އެ ކަންތައް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ޒުވާނުންގެ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޒުވާނުންނަށް ތައުލީމް ދީ ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ގައުމު ބިނާކުރުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންކަމުން ޒުވާނުން ތަރުބިއްޔަތުކުރަންވީ ގޮތާއި ޒުވާނުންނަށް ރަނގަޅު އިލްމު ދޭނީ ކިހިނެއް ކަމާއި ރަނގަޅު ވިސްނުމާއި ކުރިއަށް ދާނޭ ހަކަތަ ލިއްބައިދޭނީ ކޮން ގޮތަކަށް ކަން އޮޅުންފިލުވައިދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އިސްލާމިކް މިނިސްޓްރީގެ ޔޫޓިއުބް ޗެނަލް އިފްތިތާހްކޮށްދެއްވުމަށް ފަހު ރައީސް މައުމޫން (ކ) މިނިސްޓަރު ޒިޔާދާ ސަލާމް ކުރައްވަނީ. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން އިންސާނިއްޔަތުގެ މިހާރާއި މާޒީ އާއި ކުރިމަގުގައި ވެސް ހެޔޮ ގޮތް އޮތީ އިސްލާމް ދީނުގައި ކަން ބަޔާންކުރައްވަމުން، މައުމޫން ވިދާޅުވީ، މި ދީނަކީ ދާއިމަށް ދެމިގެންވާ ދީނެއް ކަމަށާއި މި ދީނުގެ ދުސްތޫރު ކަމުގައިވާ ކީރިތި ގުރްއާނުގައި، އަޅުގަނޑުމެން ދަރިންނާއި ޒުވާނުން ތަރުބިއްޔަތު ކުރަންވީ ގޮތް ވަނީ ބަޔާންކުރައްވާފައި ކަމަށެވެ. "ބަދަލުވަމުން މިދާ މާއްދީ ދުނިޔޭގެ ހަވާ ނަފްސާއި މަގުގެއްލެނިވި އެދުންތަކާ ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިދޭ ގޮތަށް ޒުވާނުން ތަރުބިއްޔަތުކުރުމުގެ ނަމޫނާގެ މަގަކީ ރިވެތި އަޚްލާޤު. އަދި އިންސާނީ ޚިދުމަތަށް ޒުވާނުން އަހުލުވެރި ކުރެވޭނެ މަގަކީ ވެސް ރިވެތި އަޚްލާގު. މި ޖަލްސާގައި މައުމޫން ވަނީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޔޫޓިއުބް ޗެނަލް އިފްތިތާހްކޮށްދެއްވައިފަ އެވެ. މި ޖަލްސާގައި، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ އަރައްބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އައްޝައިޚް ސޯލިހް ބިން އަބްދުލްއަޒީޒް އާއި ސަރުކާރުގެ ވަޒީރުންނާއި ބައެއް އޮފީސްތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ