މެމްބަރު ނާޒިމްގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި، މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ މައްސަލަތަކުގައި ހުކުމްކުރުމުގެ ޝަރީއަތް މިއަދު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، އޭނާ ހިންގެވި ނަމީރާ ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައިގެން ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ސަރުކާރުގެ ހަތަރު މަޝްރޫއުއެއް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. ކުރީގެ އެޓޯލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް ގަތުމަށާއި މިސްކިތްތަކަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން، އެ ޕްރޮޖެކްޓް ނާޒިމް ކާމިޔާބު ކުރެއްވި ކަމަށް ދައުލަތުން ގެންދަނީ ބުނަމުންނެވެ. އެ ހަތަރު މައްސަލަ ވެސް ކޯޓުގައި ހިނގަމުން ދަނީ ވަކިވަކިންނެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހެޅީ، ނާޒިމްގެ މައްޗަށް އެކަނި އެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދެނީ، ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ނާޒިމްގެ މައްޗަށް އެ ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އެއްކޮށް ބައްލަވާ މައްސަލަތަކުގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އެހެންވެ، މިއަދު 11:00 އިން ފެށިގެން މެންދުރުފަހާ ޖެހެންދެން، ވަކިވަކިން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ހުކުމްކުރުމެވެ. ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމަށް ވިޔަސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ