ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންނަކީ ސިޔާސީ ގޮތުން އެހާ ހިތްވަރުގަދަ، ކެރިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރަށް ތާއީދުކޮށް ވިލިމާލޭގެ ޒުވާނުންތަކެއް މިރޭ އެރަށުގައި މިރޭ ބޭއްވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންނަކީ އެހާ ހިތްވަރުގަދަ، ކަން ކަމަށް އެހާ ގާބިލް ބޭފުޅުން ނޫން ކަމަށާއި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ގައުމަށް ބޭނުން ވަނީ ހިތްވަރުގަދަ ފަހުލަވާނެއް ކަމަށެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ ބައެއް މެންބަރުން އެމަނިކުފާނަށް އަމާޒުކޮށް ހުތުރު ބަހުން މުހާތަބުކުރި ކުރުމަށް އިޝާރާތް ކުރައްވާ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި ރާއްޖެ ހަމަ މަގަށް އަޅުވަން ސިޔާސީ ގޮތުން މަސައްކަތްކުރާނެ ހިތްވަރުގަދަ ލީޑަރުން ގައުމަށް ބޭނުންވާ ކަމަށެވެ.
"ރައީސް ވަހީދު މިއަދު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނަށް އަމާޒުކޮށް މަޖިލީހުގެ ބައެއް މެންބަރުން މިއަދުވެސް ހުތުރު ބަހުން މުހާތަބުކޮށްފައިވޭ، ގައުމުގައި ހުރި މިފަދަކަންކަން ރަގަނޅު ކުރުމަށް ގައުމަށް ބޭނުންވަނީ ސިޔާސީގޮތުން މަސައްކަތްކުރާނެ ހިތްވަރުގަދަ ގާބިލް ބޭފުޅުން،" އުމަރު ވިދާޅުވި އެވެ.
މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އަތްނުފޯރާ ފަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ރާއްޖޭގެ ވެރިކަން އޭނާއަށް ލިބިވަޑައިގެންފި ނަމަ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.
"ރާއްޖޭގައި މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތައް މިވަނީ މިއަދު އަތްނުފޯރާފަށަށް ގޮސްފައި، އަޅުގަނޑަށް މިފަހަރު ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނަން،" އުމަރު ވިދާޅުވި އެވެ.
މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ހިތްވަރެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ