މި އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕީޕީއެމްއާއެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ޑރ. ޖަމީލްގެ އުފަން ރަށް ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ. ޑރ. ޖަމީލް ވިދާޅުވީ މިއަދު ކޯލިޝަން ސަރުކާރެއް ހިންގަމުންދާއިރު އެންމެން ތިބީ އެއް މޭޒެއްގައި ކަމަށާއި މަސައްކަތް ކުރަނީ އަތް ގުޅުވާލައިގެން ކަމަށާއި އަޚްވަންތަކަމުގެ ގުޅުން ވެސް އެބައޮތް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރާއްޖެއަށް މިއަދު ދިމާވެފައިވާ ކަންތައްތަކުންނާއި ގޮންޖެހުންތަކުންނާއި އަދި ބޯ މައްޗަށް ނަގާ "އަނދިރި ކޮޅިގަނޑުން" އެންމެން ސަލާމަތްވާން އޮތީ ޕީޕީއެމްއާއި ގުޅިގެން ކަމަށްވާއިރު އެ ޕާޓީއާ ގުޅެން ކަމު ނުދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނިން. ވަރަށް ގިނަ މަޝްވަރާތައް ކުރިން. ވަރަށް ގިނަ ހިސާބުތައް އަޅުގަނޑު ޖެހިން. މި ހުރިހާ ހިސާބަކާއި މި ހުރިހާ މަޝްވަރާއަކާ މި ހުރިހާ ވިސްނުމަކާއި ފިކުރެއް ކުރުމަށް ފަހު އަޅުގަނޑަށް ވިސްނުނީ ކުރިއަށް އޮތްތަނުގައި މިއަދު އަޅުގަނޑުމެން މިދެކޭ ބިރުންނާއި މި ފާއިތުވެ ދިޔަ ތަނުގައި އަޅުގަނޑުމެންނަށް ކުރިމަތިކުރި ގޮންޖެހުމާއި ބިރުން އަޅުގަނޑުމެންނަށް އެންމެ ފަސޭހަކަމާއެކު ސަލާމަތްވާން އޮތީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޕީޕީއެމާއެކު މަސައްކަތްކޮށްގެން" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުން ފެނިގެން ދިޔައީ ގާނޫނު އެއްކިބާ ކުރެއްވުމަށްފަހު ފަނޑިޔާރުން ރަހީނުކޮށް ކޯޓުތަކަކީ އެއްވެސް މާނައެއް ނެތް ތަންތަނަށް ހަދާ ހައްގުގެ ބަސް ބުނަމުންގެންދާ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރި މަންޒަރު ކަމަށާއި އެ ބިރުވެރިކަން އަދިވެސް ފިލައިގެން ގޮސްފައި ނުވާ ކަަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ބިރުވެރިކަން ފިލައިގެން ނުދާކަމުގެ އަލިގަދަ ހެތްކަކީ ރައްޔިތުންގެ މަޖިލިސް ތެރޭގައި މެންބަރުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކާއި ރާވަމުންގެންދާ ކަންތައް ކަމަށާއި މިއީ ސުލްހަމަސަލަސްކަމަށް ލޯބިކުރާ ކޮންމެ މީހަކު ވިސްނަންވީ ވަގުތު ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއަށް ތާއީދު ކުރެއްވީ ވަރަށް ގިނަކަންތައްތައް ތަޖުރިބާ ކޮށް ގިނަ ވިސްނުންތަކެއް ވިސްނެވުމަށްފަހު ކަމަށާއި ގައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ޑރ. ޖަމީލްގެ ވާހަކަފުޅުގައި ވަނީ މިހާރުގެ ކޯލިޝަން ސަރުކާރުގެ ޕާޓީތަކުން އެކުގައި ކުރި މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ކެމްޕޭނުގައި ޑރ. ޖަމީލް ބައިވެރިވެވަޑައިގަންނަވަމުންދާއިރު، ޖަމީލް ނިސްބަތްވާ ޤައުމީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް: ޑރ. ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ