63 ޕަސެންޓުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ޔަގީން ކުރައްވަފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ވޯޓްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން 63 ޕަސެންޓް ވޯޓް ހޯއްދަވައި ޕާޓީގެ ރިޔާސީ ޓިކެޓް ޔަގީން ކުރައްވައިފި އެވެ. އަދި ޔާމީނާ ވާދަ ކުރެއްވި އުމަރު ނަސީރު ވަނީ އިންތިހާބުގައި ބަލި ގަބޫލު ކުރައްވާ ޔާމީނަށް މަރުހަބާ ވިދާޅުވެފައެވެ.
ޕީޕީއެމްގެ 20795 މެންބަރުން ވޯޓްލި ރިޔާސީ ޕްރައިމަރީގައި ޔާމީން 13096 ވޯޓް ހޯއްދެވި އިރު އުމަރަށް ލިބި ވަޑައިގެންނެވީ 7450 ވޯޓެވެ. ޖުމްލަ 167 ފޮށި ބެހެއްޓި އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދަކީ 249 އެވެ.
ޔާމީން ކާމިޔާބު ކުރެއްވުމުން އުމަރު ވަނީ ބަލި ގަބޫލު ކުރައްވާ ޔާމީނަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ޔާމީނާއެކު އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދޭން މަސައްކްތަ ކުރަން ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން މި ހިސާބުން ނިމުނީ ކަމަށެވެ.
ރިޔާސީ ޕްރައިމަރީގެ ކާމީޔާބީއަށް ފަހު ޔާމީން ވަނީ ރަސްމީ ސްޓޭޓްމަންޓެއް ނެރުއްވައި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް "ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން" ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
ޔާމިން ވިދާޅުވީ އުމަރުގެ ސަޕޯޓަރުން ހިތްވަރު ދެރަ ނުކުރެއްވުމަށާއި އުމަރުގެ ސަޕޯޓަރުން ވެސް ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް އޭނާއާއެކު އާ ހިތްވަރަކާ އެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވުމުން އެންމެ އިސްކަމެއް ދީގެން މަސައްކަތްޕުޅު ކުރައްވާނީ ޕީޕީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ދެ ގުނައަށް އިތުރު ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ