ސުޕްރީމް ކޯޓާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ސްޕްރީމް ކޯޓުން ބާތިލްކުރި ކުރުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ އެކަން މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނައުމަށް ކޮމެޓީއަށް ހުށަހަޅައިފި އެވެ.
އިމްތިޔާޒް ކޮމެޓީއަށް މިމައްސަލަ ހުށަހަޅާފައިވަނީ ރޭ ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގަ އެވެ. ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅި މިހުށަހެޅުމަށް މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ.
މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ނައިބު މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ރޭ އޮތް އެ ކޮމެޓީގެ ބައްދަލުވުމަށް މިހުށަހެޅުން ހުށަހެޅީ މަޖިލީހުގެ އިމްތިޔާޒަށް ކޯޓުން އަރައިގެންފައިވާތީ އެކަން މަޖިލީހުގެ ރައީސަށް ދަންނަވާ އަދި އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކަމަށެވެ. އަދި އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސަމާލު ކަމަށް އެކަން ގެނައުމަށްވެސް ހުށަހަޅަފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒް ތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް އުވާލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
ކުރީގެ ބަންޑާރާ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިއަހަރު ކުރީ ކޮޅު ހުށަހެޅި މައްސަލައެއްގެ ޝަރީއަތް ނިންމުމަށްފަހު އެ ކޯޓުން ހުކުމް ކުރީ އެއް އަހަރު ދުވަހުގެ ޖިނާއީ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނާ މާއްދާ ބާތިލް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަކަށް މަޖިލީހުގެ މެމްބަރަކު ކޯޓަށް ވެސް އަދި އެއްވެސް މުއައްސަސާއަކަށް ވެސް ހާޒިރުކޮށްގެން ނުވާނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ބުނާ މާއްދާ ވެސް ވަނީ ބާތިލްކޮށްފަ އެވެ.
މިމާއްދާތައް ސްޕްރީމް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު މިހާރު ވަނީ ހުކުމް ތަންފީޒް ކުރުމަށް ޖަލަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ