ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލު މިއަދު ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ހުޅުވައިދެއްވައިފި އެވެ.
ޓްރޭނިންގ ސްކޫލު ހުޅުވައިދެއްވުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަކީ، ހަމައެކަނި ސިފައިންގެ ފަޔަރ ފައިޓަރުން ތަމްރީނުކުރާ ސްކޫލެއްގެ ބަދަލުގައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިގެން މީހުން ތަމްރީނުކޮށް ބިނާކުރާ ޤައުމީ ފެންވަރުގެ މަރުކަޒަކަށް މުސްތަޤްބަލުގައި ވެގެންދިއުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ތަޢުލީމާއި ތަމްރީނު ހޯދާ ތަރައްޤީކުރުމުގައި ބޭރުގެ ޤައުމުތަކަށް ބަރޯސާވެގެން، ބޭރު ޤައުމަކުން ފުރުސަތެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބުމުގެ ބަދަލުގައި، މި ސްކޫލު ހުޅުވިގެން ދަނީ ފަޔަރ ފައިޓަރުން ބިނާކުރުމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުންމީދާއެކު ކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެއް މި ސްކޫލުގައި ކުރިއަށް ގެންދެވޭނެ ކަމަށާއި، ދުނިޔޭގައި ފަޔަރ ފައިޓަރުން ތަމްރީނުކުރާ ސްކޫލްތަކާ އެއް ފެންވަރަކަށް މި ސްކޫލް ގެންދިއުމަކީ އެމަނިކުފާނުގެ އެއް އަމާޒުކަމަށް ވިދާޅުވިއެވެ.
އަދި އެކަށީގެންވާ ފެންވަރުގެ މުދައްރިބުން ތަމްރީނު ކުރެވިފައިވުމާއި، ސައްތައިންސައްތަ ދިވެހިސިފައިންގެ ބުރަ މަސައްކަތުން މި ސްކޫލް ބިނާކޮށް، ކޯސްތަކުގެ ކަރިކިއުލަމްތަކާއި މޮޑިއުލްތައް ފަރުމާކޮށް އެކުލަވާލެވިފައިވާކަމީ އެމަނިކުފާނުގެ އަމާޒު ޙަޤީޤަތަކަށް ހެދިދާނެކަމުގެ ވަރަށް ރަނގަޅު ފާލެއް ކަމަށްވެސް ވިދާޅުވިއެވެ.
“މިހާރުން މިހާރަށްވެސް މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ހޯދަންޖެހޭ މުހިންމު އާލާތްތައް މިވަނީ ހޯދަންޖެހިފަ. ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކޮށް ރައްޔިތުން އެދޭފަދަ ޚިދުމަތެއްގެ ގޮތުގައި މި ޚިދުމަތް ބައްޓަންކޮށް ތަރައްޤީކުރުމަށް ޑިފެންސް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދީގެން މިދަނީ މަސައްކަތް ކުރަމުން.” ނާޒިމް ވިދާޅުވި އެވެ.
މިގޮތުން، މިއަދު ހުޅުވިގެންދިޔަ ޓްރޭނިންގ ސްކޫލަކީ ޤާނޫނުއަސާސީންނާއި ދިވެހިސިފައިންގެ ޤާނޫނުން ރައްޔިތުން، ސިފައިންނާ މަތިކޮށްފައިވާ ޤައުމީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި އަޚްލާޤާއި ސުލޫކު ފަޔަރ ފައިޓަރުންގެ ކިބައިގައި އޭގެ އެންމެމަތީ ފެންވަރުގައި އަށަގަންނުވާނެ ސްކޫލެއް ކަމަށާއި، އަދި ކުއްލި ނުރައްކަލުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ތަޢުލީމާއި ތަމްރީނު އެންމެމަތީ ފެންވަރުގައި މަރުކަޒީ އުސޫލުން ފަޔަރ ފައިޓަރުންނަށް ފޯރުކޮށްދޭނެ މުއައްސަސާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލު މިއަދު ހުޅުވައިދެއްވުމުގެ ގޮތުން ނަންބޯޑް ކަޝްފު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު ނާޒިމްއެވެ. އަދި އެސްކޫލުގެ ދިދަ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ނަންގަވައިދެއްވިއެވެ.
މީގެ އިތުރުން އަލިފާން ނިއްވުމުގެ ޚިދުމަތަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ 6 ފަރާތަކަށް މިރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަގުވަޒަން ކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. މިގޮތުން ހަނދާނީ ފިލާ ލިބިލެއްވި ފަރާތްތަކަކީ، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖު ކޮމްޕަނީ އާއި ކާނަލް (ރޓ) ޝައުކަތު އިބްރާހިމް އާއި ބްރިގޭޑިއާރ ޖެނެރަލް (ރޓ) އަޙުމަދު ނަޢީމް މުޙައްމަދުގެ އިތުރުން މޭޖަރ (ރޓ) އަޙުމަދު ވާފިރު އާއި ކެޕްޓަން (ރޓ) ޢަލީ ރިޔާޒް އަދި ލެފްޓިނެންޓް (ރޓ) ޢަލީ އަކްރަމް އެވެ. އެފަރާތްތަކާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ.
އަދި ޓްރޭނިންގ ސްކޫލު ހުޅުވައިދެއްވުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި 38 ފަރާތަކަށްވެސް މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތަށްފަހު، ވަޑައިގެންނެވި މެހުމާނުންނަށް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލު ދައްކަވާލެއްވިއެވެ. އަދި ބީއޭ ސްމިޔުލޭޓަރ އަދި އޯއައިއެފްއެފްގެ ޑެމޮސްޓްރޭޝަންއެއް އެފްއާރުއެސްގެ ސިފައިން ހުށަހެޅިއެވެ.
ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލް ޑިފެންސް މިނިސްޓަރު ހުޅުވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ