އާ ޓާމިނަލުން ފައްޔާޒަށް ހަނދާންވީ ޖީއެމްއާރު ބޭރުކޮށް، ނެގި ދަރަނި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލާ ގުޅުވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވި އެވެ: "މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން."
ފައްޔާޒު އެ އިޝާރާތް ކުރައްވާ 'ދޯހަޅި' ނިންމުމަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ފަހުން ބާތިލުކުރުމެވެ. އަދި އެއަށް ފަހު އެއާޕޯޓު އަޅަން ދަރަނީގެ މައްޗަށް ނެގި ދަރަންޏެވެ. ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ގުޅިފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އެއާޕޯޓާ އެވެ.
ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (އޭރު ކިޔާ ގޮތުން ނަމަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު) ތަރައްގީކޮށް، ހިންގަން ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 28 ޖޫން 2010ގައި
އެއީ 25 އަހަރުގެ މުއްދަތަކަށް
ނަމަވެސް ޖީއެމްއާރަށް އެއާޕޯޓު ހިންގަން ދިނުމަކީ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި ކަމެއް
ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު އެ އެއްބަސްވުން ބާތިލުކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން، 2012ގައި
އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ދައުލަތުން ޖީއެމްއާރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.17 ބިލިއަން ރުފިޔާ ދައްކަން ޖެހުނު
އެ ފައިސާ ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2016 ވަނަ އަހަރު
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެމްއާރަށް އެއާޕޯޓު ހިންގުން ހަވާލުކުރުން ހިމެނެ އެވެ. ނަމަވެސް އެ ނިންމުމަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީއިން ދިފާއުކުރަމުން އަންނަ ނިންމުމެކެވެ. އާ ޓާމިނަލް ހުޅުވަން 10 ދުވަހަށް ވެފައި އޮއްވާ އަނެއްކާވެސް ފައްޔާޒު އެ ތިލަކުރެއްވީ އެ ކަމެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށާއި ހިންގުމަށް [ދައުލަތުން ހަރަދެއް ކުރަންނުޖެހޭ ގޮތަށް] ބަޔަކާ ހަވާލުކޮށްފައި އޮއްވައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް،" ފައްޔާޒު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ ކަމަށެވެ.
"އެކަމުގެ [އެއާޕޯޓުގެ ނަމުގައި ނެގި ދަރަނީގެ] ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އެއްބަސްވުން ބާތިލުކޮށް، ދަރަނި ނުނެގި ނަމަ، ފައްޔާޒު ލަފާކުރައްވާ ގޮތުގައި:
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4 މިލިއަނަށް ވުރެ ގިނަވާނެ
ޖީޑީޕީ ހުންނާނީ ދެ ގުނަ މަތީގައި
"މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ތިމަން މަނިކުފާނަކީ މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް'ގެ އިގްތިސާދީ ވިސްނުން،" ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
ސުވާލަކީ، ފައްޔާޒު އެ ކަންބޮޑުވާ ދަރަނީގައި އޭނާ އިކޮނޮމިކް މިނިސްޓަރުކަށް ހުންނެވި އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އެއްވެސް މިންވަރެއްގެ ހިއްސާ އެބައޮތް ހެއްޔެވެ.
ޕީއެންއެފްއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވަނީ އެކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޔާމީން ވިދާޅުވީ އާ ޓާމިނަލަށް ބަދަލުތަކެއް ގެނައުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން އެ މަޝްރޫއުގެ އަގަށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އިތުރުކުރެއްވި ކަމަށެވެ.
އޭރު ކުރިމަތިވެފައި އޮތީ 2019ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. އެހެންވެ ޔާމީން ތުހުމަތު ކުރައްވަނީ އެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ޕްރޮޖެކްޓު ވޭރިއޭޝަނެއްގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރި ކަމަށެވެ.
ފައްޔާޒު ވެސް އަދި އެމްޑީޕީގެ ލީޑަޝިޕުން އެހެން ބޭފުޅަކު ވެސް ޔާމީންގެ އެ ތުހުމަތުތައް އަދި މިހާތަނަށް ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް އާ ޓާމިނަލާ ގުޅުވައި އެ މަޝްރޫއުގެ ފަހަތުގައި އޮތް ބޮޑު ދަރަންޏަށް ފައްޔާޒު މި ދަނޑިވަޅުގައި އިޝާރާތް ކުރެއްވީ، ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އޭގެ ކުރިން އެމްޑީޕީއިން ވެސް ދައުވާ ކުރަމުން އައީ އެ މަޝްރޫއުގެ ކުރެޑިޓު އެ ޕާޓީއަށް ހައްގުވާ ކަމަށެވެ.
އެކަމަކު މިއަދު ކުރެއްވި ޕޯސްޓު ނިންމަވާލައްވަމުން ފައްޔާޒު ސުވާލު އުފެއްދެވީ، "އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯ" އެވެ.
"އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެ އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު، އެ ބޭކާރު ހަރަދަށްވުރެ އެ އެއާޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިއްމު ނޫންބާވަ އެވެ؟"
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ