ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިފަދަ މޭރުކަމުން ވިދާޅުވެ ފޭސްބުކްގައި މިއަދު ޕޯސްޓެއް ކުރައްވާފައިވަނީ، ރިލްވާން ގެއްލުނުތާ އިއްޔެއަށް ހަ އަހަރު ވެފައި ވަނިކޮށެވެ. ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާއިރު އޭނާގެ އާއިލާއިން ވަނީ އިއްޔެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމާ ގުޅިގެން ރައީސްގެ އަތްޕުޅުން ލިއުއްވާފައިވާ ނޯޓެއް ވަނީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވައިފަ އެވެ. އޭގައި ވިދާޅުވެފައިވަނީ، ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުން ދަނީ ރިލްވާންގެ އާއިލާން އެދިފަިއވާ ގޮތަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރުމަށެވެ.
ރިލްވާން ގެއްލުނުއިރު މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރިލްވާންގެ މައްސަލާގައި އޭރުގައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ރިލްވާންގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކޮމިޝަނަށް ވެސް ހޯދިފައިވަނީ އޭރުގެ ހޯދުންތައް އެކަނި ކަމަށް މީގެ ކުރިން ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
"ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ވަނީ އޭރު ވެސް ކޮށްފަ، ނަމަވެސް [މި ސަރުކާރުން] ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވި،" އުމަރު ވިދާޅުވި އެވެ.
ނަމަވެސް ރިލްވާން މަރުވެފައިވާ ކަން އެންމެ ފުރަތަމަ ހާމަކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަން ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުންނެވެ. މައްސަލަ ތަހުގީގުކޮށް ކޮމިޝަނުން އެކުލަވާލި ފުރަތަމަ ޑްރާފްޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ރިލްވާން މަރާލީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އެވެ.
އޭނާ މަރާލި ގޮތާއި އެ ކަމުގައި ބައިވެރިވި އަދި އެހީތެރިވި މީހުން ވެސް ހާމަކޮށްފައިވެ އެވެ. ތަހުގީގަށް ހުރަސް އަޅައި އެހެން ދިމާލަކަށް އަނބުރަން މަސައްކަތްކުރި ފުލުހުންގެ މައުލޫމާތު ވެސް ހާމަކޮށްފައިވެ އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އިންޓެލް ދެ ފުލުހަކު، ރިލްވާން ސީރިއާއަށް ދިޔަކަން ދައްކައި އޭނާ އެ ތަނުގައި މަރުވި ކަމަށް ހަބަރު ފަތުރަން އުޅިފައިވާ ކަމެވެ. އެކަން ރިޕޯޓްގައި ބަޔާންކުރީ އޭރުގެ ކޮންޓްރޯލާ ހަސަން އަލީ ދެއްވާފައިވާ ބަޔާނަކަށް ރިއާޔަތްކޮށެވެ.
ރިލްވާންގެ އާއިލާއިން ވެސް މައްސަލައަށް އިންސާފު ލިބުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައިސްފައި ވަނީ ރިލްވާންއާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށެވެ. މި ސަރުކާރަށް ވޯޓު ދިނުމަށް އާއިލާއިން ވެސް އެތައް މަސައްކަތެއް ކުރި ކަމަށެވެ.
މީގެކުރިން ވެސް ރިލްވާން ރަހީނު ކުރި ކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތެއް ނުވި އެވެ. އެ މައްސަލަ މިހާތަނަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.
ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް އިންސާފު ހޯދައިދިނުމުގައި ލަސްވަމުންދާތީ މި ސަރުކާރަށާއި އެ ކަމަށް އެކުލާވަލި ކޮމިޝަނަށް ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ.
ސަރުކާރުން ރިލްވާންގެ މައްސަލަ ހެދީ ސިޔާސީ ހަތިޔާރަކަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ