ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ %71 މަސައްކަތް ނިމިއްޖެ

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ %71 މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނީން މައުލޫމާތު ދިން ގޮތުގައި ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭރު ތޮށިލުމުގެ މަސައްކަތުގެ %78 މަސައްކަތް އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ %64 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި އަަދި 25 މީޓަރުގެ ސަރަހައްްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސިން ބުނެއެވެ. މީގެ އިތުރުން 1,1015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ޖަހައި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސިން ބުނެއެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މި މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވެނީ 26.6 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ