ޢާޒިމް އިބުރާއަށް: ބަދަލުގެ ނަމުގައި ޓެކުސް ފައިސާއިން 200 މިލިއަން ދަމައިގަންނަން ނޫޅޭނަން

ބަދަލުގެ ނަމުގައި ޓެކުސް ފައިސާއިން 200 މިލިއަން ދަމައިގަންނަން ނޫޅޭނެ ކަމުގައި، ރައްޔިތުން މަޖިލިހުގެ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. މިފަދައިން ޢާލީ ޢާޒިމް ވިދާޅުވީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާޢީލް (އިބުރާ)އަށް ދެއްވި ރައްދެއްގައެވެ. އިބުރާއާއި ޢާޒިމްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އިބުރާގެ ކޮއްކޮ އަދި އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހުގައި ކުރިއަށް ގެންދަން އުޅޭތީއެވެ. މިވޯޓުގައި ޢަލީ ޢާޒިމް ފައްޔާޒާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމުގެ އަޑުތަކެއްވަނީ އިވިފައެވެ. އެފަދައިން އިވިފައިވަނިކޮށް އިބުރާވަނީ ޢާޒިމް ޓެގުކުރައްވައި އެމްޑީޕީ ތެރޭގައި ޑީއާރުޕީ ހިންގަވަން ނޫޅުއްވުމަށް ވިދާޅުވެފައެވެ. މިޓުވީޓަށް ރައްދުދެއްވައި ޢަލީ ޢާޒިމް ވިދާޅުވެފަިއވަނީ އޭނާއަށް ޓީމަށް ކުޅެން އެނގިވަޑައިގަންނަވާ ކަމުގައެވެ. އަދި ކުލަބު ހިންގުމަކީވެސް ދެނެވަޑައިގަންނަވާ ކަމެއް ކަމުގައެވެ. އޭގެ އިތުރަށް ވިދާޅުވީ ކުޅެން ގެންގުޅޭ ބޯޅަޔާއި ވިކެޓު ބައި ހިފައިގެން ގެއަށް ވަޑައިގަތުމަކީ ކުރައްވާނެ ކަމެއް ނޫން ކަމުގައިވެސް ޢަލީ ޢާޒިމް ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ވިދާޅުވެފައިވަނީ ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކުސް ފައިސާއިން 200 މިލިއަން ރުފިޔާ ދަމައިގަންނަން ނޫޅުއްވާނެ ކަމުގައެވެ. ކުރިން މަންދު ކޮލެޖު ހިންގި އެމްއީއެސްގެ ކުރީގެ ޢިމާރާތް އިބުރާ އަތުން އަތުލި މައްސަލާގައި 150 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަދަލެއް ހޯއްދަވަން ކޯޓަށް ހުށަހެޅުއްވި ކަމުގައި ބައެއް ފަރާތްތަކުން މައުލޫމާތު ލިބިފައިވެއެވެ. އަދި މިސަރުކާރު އައިސް އިބުރާއަށް އެބަދަލު ދޭން އުޅުނެވެ. ނަމަވެސް އެކަން އާންމުވުމާއެކު، އެމަސައްކަތް ހުއްޓައިލިއެވެ. އެމައްސަލާގައި އިބުރާއަށް ބަދަލަށް އެދެވޭނެ ކަަމަށް ކޯޓުންވަނީ ޙުކުމްކޮށްފައެވެ. އެހެންކަމުން ބަދަލު ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާނެ ކަމުގައި ބެލެވެއެވެ. އިބުރާގެ އިތުރަށް އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލްގެ ހިއްސާވެސް ކުރިން އޮތް، ފައްޔާޒުގެ ބޭބެ ޙަސަން އިސްމާޢީލުގެ ބިގް ކުންފުންޏަށްވެސް ބޮޑު ޢަދަދެއްގެ ބަދަލެއް ދީފައިވެއެވެ. ފައްޔާޒާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ