ތިމާވެށީގައި ޒުވާނުންގެ ހިއްސާ އާއި ގުޅޭ ގޮތުން ތަގުރީރު ކުރެއްވުމަށް މައުމޫން އިންޑޮނޭޝިއާއަށް

ތިމާވެށީގެ ކަންތައްތަކުގައި ޒުވާނުންގެ ހިއްސާ އާއި ގުޅޭ ގޮތުން ތަގުރީރެއް ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑޮނޭޝިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައިއެވެ.
ބާލީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ބާލީގައި އޮންނަ މި ސަމިޓްގައި ތިމާވެށީގެ ކަންކަމާއި އެކަންކަމުގައި ޒުވާނުންގެ ދައުރާއި ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
"އަޅުގަނޑަކީ ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ގުޅުންހުރިކަންކަމުގައި ވަރަށް ކުރީންސުރެ ވާހަކަ ދައްކާފައިވާ މީހެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މި ސަމިޓް ބޭއްވެނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔެ ހޫނުވުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ޒުވާނުންނަށް ކުރެވޭނީ ކޮންކަމެއްތޯ، އެ ކަންތައްތަކުގައި ކޮބައިތޯ ޒުވާނުންގެ ދައުރަކީ ބެލުމަށް ކަމަށެވެ.
މި ސަމިޓްގައި ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫނަށް ވަނީ ހާއްސަ ދައުވަތެއް ލިބިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ