ކޮރަޕްޝަންގެ ދައުވާ ސާބިތުވެ އުމުރަށް (25 އަހަރަށް) ޖަލަށް ލާން ހުކުމް ކޮށްފައިވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ސިއްޚީ ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފިއެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ނާޒިމް އޭޑީކޭއަށް ގެންގޮސްފައިވަނީ މާފުށީ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓުތަކެއް ހަދަން އެންގުމުން އެޓެސްޓުތައް ހެދުމަށްޓަކައި ކަމަށެވެ. އަދި ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަނީ ނާރުގެ ޓެސްޓެއް ހެދުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ނާޒިމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 7 ޖަހާއިރަށް ހަދާފައިވާ އެޕޮއިންޓްމެންޓަކަށެވެ. އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވަނީ މިރޭ 9 ޖެހިހާ އިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ނާޒިމް ޑޮކްޓަރަށް ދައްކާފައިވަނީ އޭނާ އެކަމަށް އެދުމުން ކަރެކްޝަނަލް ސާވިސްގައި އަމަލު ކުރާ އުސޫލާ އެއްގޮތަށް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމު އުމުރަށް ޖަލަށްލާފައިވަނީ ދައުލަތުން ކުރި ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އޭގެ ހުކުމުގެ ސަބަބުން ދިއްގަރު ދާއިރާގެ ގޮންޑި ވެސް ވަނީ ހުސްވެފައެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ސިއްހީ ފަރުވާއަށް އޭޑީކޭއަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ