ހޯމް މިނިސްޓަރު ކަމަކީ ތޯތޯ ކަމެއް ނޫން، ސީޕީގެ މައްސަލަ ބަލަން އަންގަން ޖެހޭނެ: އުމަރު

ހޯމް މިނިސްޓަރު ކަން ކުރެއްވުމަކީ "ތޯތޯ" ކަމެއް ނޫން ކަމަށާއި ގާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަމަލުން ދައްކަވަން ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، ސޯޝަލް މިޑިއާގައި މިހާރު ދައުރުވަމުން ދާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނެވި ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލަ ބެލުމުގައި ހޯމް މިނިސްޓަރު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީއެވެ.
ފޭސްބުކްގައި އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޮލިސް ކޮމިޝަނަރު ހަމީދާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކާ ވީޑިއޯއާ ގުޅޭ ގޮތުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ހުވައާ އެއްގޮތަށް އަމަލު ކުރައްވަން ވާނެ ކަމަށެވެ. 2008/5 ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 (ބ) އާއި އެއްގޮތަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މި މައްސަލަ މިނިސްޓަރު އިމްރާން ފޮނުއްވަން ވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކާ މެދު ފިޔަވަޅު ނޭޅި ލަސްވަމުން ދާތީ އުމަރު ވަނީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ކުރެއްވި ބައެއް ކަންކަމަށް އަލި އަޅުއްވާލައްވާ ފައެވެ. އެގޮތުން މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެނޑި ކަމަށް ތުހުމަތު ކުރެވުނު ދުވަހު، ގާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައި ކަން އުމަރު ފާހަގަ ކުރެއްވިއެވެ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތައް ފިއްތުންތަކެއްގެ ކުރިމަތީ ފަހަތަށް ޖެހިވަޑައިނުގެން، އެ ވަޒީރުގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކުރައްވައިފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލްމީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއާއި ފޮޓޯތަކުން ފެންނަނީ ހަމީދު އޭނާގެ އަނބިކަނބަލުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ތިއްބަވާ ތަނެވެ. މި ފޮޓޯތަކާއި ވީޑިއޯއާ ގުޅިގެން ހަމީދު ވެސް އަދި ސަރުކާރުން ވެސް މިހާތަނަށް އެއްޗެއް ނުބުނެއެވެ. އަދި މިއީ ކޮން އިރެއްގެ ފޮޓޯތަކެއްކަމެއް ނުވަތަ ވީޑިއޯއއް ކަމެއްވެސް ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ހަމީދަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ