ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އެރުވުމަށް ވައުދުވެވަޑައިގެންނެވި ގޮތުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ކޯލިޝަން ޕާޓީތަކުގެ ތެރެއިން މިހާތަނަށް ޕްރައިމަރީއަކަށް ދާން ނިންމާފައިވަނީ ހަމައެކަނި އެމްޑީޕީންނެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށާއި އިސްލާހަށް މަސައްކަތްކުރާނެ ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށްޓަކައި 12 މެމްބަރުން ކުރެއްވި ބުރަ މަސައްކަތާއި ވެވަޑައިގެންނެވި ގުރުބާނީތަކުގެ އަގުވަޒަންކޮށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ދެމިހުންނަވާނެ ކަމަށެވެ.
"ޕްރައިމަރީއަކާ ނުލައި އެ 12 މެމްބަރުން 2019ގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެރުވުމަށް ކުރިން ވައުދުވި ގޮތުގެ މަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނެ ވާހަކަ ދަންނަވަން. މާތްﷲ އެބޭފުޅުންނަށް ނަސްރު ދެއްވާށި. އާމީން،" ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިދިޔަ މަހުގެ ކުރީކޮޅު މި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުގެ ހަތަރު ލީޑަރުން ވަނީ ގޮނޑި މައްސަލަ ޖެހުނު މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ހަތަރު ލީޑަރުން ވެސް ޕްރައިމަރީއަކާ ނުލައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓު ދިނުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު ކަމަށާއި އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށެވެ.
12 މެމްބަރުންނަށް ވީ ވައުދާ އެއްގޮތަށް ދެމިހުންނާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ