ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރެވޭނީ ސަރުކާރުން ފޯރުކޮށްދޭ ބޯފެނަށް ރައްޔިތުންގެ އިތުބާރު ހޯދިގެން: ޑރ. އަބްދުﷲ ނަސީރު

ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން މަދުކުރެވޭނީ ސަރުކާރުން ފޯރުކޮށްދޭ ބޯފެނަށް ރައްޔިތުންގެ އިތުބާރު ހޯދިގެންކަމަށް، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓިވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން އެނގިދާނެތާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީން ފޯރުކޮށްދެނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދޭ، ބޯން ކަމުދާފެން ކަމަށާއި، އެހެން ނަމަވެސް ކޮންމެވެސް ސަބަބުތަކާހެދި އެ ފެނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ޕްލާސްޓިކް ފުޅި މަދުކުރެވޭނީ ނުވަތަ ބޭނުންކުރުން ހުއްޓާލެވޭނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަށް އިތުބާރު ހޯދިގެން ކަމަށާއި، މިނިސްޓްރީގެ ސިޔާސަތު ކަނޑައެޅިފަ ހުރީ އެ އިތުބާރު ހޯދުމުގެ މައްޗަށް ކަމަށްވެސް ޑރ. އަބްދުﷲ ނަސީރު ވިދާޅުވިއެވެ.
ބޯފެނަށް ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފު ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރެއްވުމަށް ކަނޑައަޅުއްވާ ސިޔާސަތެކެވެ.
މިކަމާ ގުޅޭގޮތުން އެނގިދާނެތާ ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގަ ބަންދުކުރި ފެން މަދުކުރަމުން ގެންދެވޭނީ، އެކިއެކި ރިސޯސަސް ބޭނުންކޮށްގެން ރައްޔިތުންނަށް ފެނުގެ ޔަގީންކަން ފޯރުކޮށްދެވުނީމާ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ރައްޔިތުންގެ ޔަގީންކަން ހޯދަން އެބަޖެހޭ މި ފޯރުކޮށްދެވޭ ޑީސަލިނޭޓެޑް ފެނަކީ، ބުނެލާ ބުނެލުމަކުން މީހުންނަށް އަދި ގަބޫލު ނުކުރެވޭނެ. ކޮންމެވެސް ސަބަބެއް އޮވެގެން ދެއްތޯ އެކަން އެގަބޫލު ނުކުރެވި އިތުބާރުނެތި އެދަނީ. ކޮނެމެވެސް ސަބަބަކާހެދި ކަމަށް ވެދާނެ. އަޅުގަނޑުމެން ބަލަން އެބަޖެހޭ އެއީ ކީއްވެގެން ކަމާ އެކަމަށް އެޑްރެސް ކުރާނީ ކިހިނެއްތޯ. ބަކައިގެން އެކަމަށް ހައްލެއް ގެނެވޭނީ" ޑރ. އަބްދުﷲ ނަސީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚަދީޖާ ނަސީމް ވިދާޅުވީ، ޕްލާސްޓިކްގެ އަދަދު މަދުކުރެވެން އަންނަނީ ގައުމީ ސިޔާސަތުގެ ދަށުން ރަށްރަށަށް ފޯރުކޮށްދޭންޖެހޭ ފެން ދާއިމީގޮތެއްގައި ފޯރުކޮށްދެވިގެން ކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، ހުރިހާ ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ޚަދީޖާ ނަސީމް ވިދާޅުވިއެވެ. ސަރުކާރުގެ ފެންކުންފުނިން އެކަމުގެ މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، އެގޮތުން ޑިސަލިނޭޝަން ފެންނާއި، ފުޅީގައި ބަންދުކުރި ފެން ރަށްރަށް ގެންދަނީ ފޯރުކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމުގެ ތެރޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދޭ. މާލެއަށް އެކަނި ބަލާކަމަށް ވިޔަސް ދުވާލެއްގެ މައްޗަށް ދުއިސައްތަ އަށްޑިހަހާސް ފުޅި މާލޭގަ އެކަނި ބޭނުންކުރެވޭ. ކަންބޮޑުވާންޖެހޭ މިންވަރަކަށް ޕްލާސްޓިކަށް ބަރޯސާވެފައިމިވަނީ" އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚަދީޖާ ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ