ޖާބިރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް - މައުމޫން

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ފައިސާތަކެއް ދެއްވި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވި ވާހަކަތައް މައުމޫން ދޮގުކުރައްވައިފިއެވެ.
ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާ އިން އެމްޑީޕީގެ ޓިކެޓުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ހޮވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕެއިނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށްވެސް ޖާބިރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޖާބިރުގެ މި ޓްވީޓާއި ގުޅިގެން ރައީސް މައުމޫން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޓްވީޓުގައި ޖާބިރު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
"ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މައުމޫނާއި، އަދި ކެމްޕެއިންގައި ހަރަކާތްތެރިިވި މައުމޫން ރިފޯމް މޫވްމަންޓްގެ ހީވާގި ޓީމަށްވެސް ޖާބިރު އެއްވެސް ފައިސާއެއްދީފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ" މައުމޫން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެކަން ދިޔާނާ ރަސްމީކޮށް އަދި އިއުލާންކުރައްވާފައިނުވާއިރު، ޖާބިރު ދާދިފަހުން ވަނީ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައްވާނެކަން ވެސް އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ