ކޯލިޝަން އެއްބަސްވުމުގައި މައުމޫނު ސޮއިނުކުރެއްވީ 25 ޕަސެންޓް ނުލިބިގެން

ރިޔާސީ އިންތިހާބަށް އޭރުގެ އިދިކޮޅު ކޯލިޝަންގެ ފަރާތުންވި އެއްބަސްވުމުގައި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަރާތުން ސޮއިކުރައްވާފައި ނުވަނީ ރައީސް މައުމޫނަށް 25 ޕަސެންޓް ނުލިބިގެން ކަމަށް ސީއެންއެމަށް އެނގިއްޖެއެވެ.
ސީއެންއެމާއި ވާހަކަދައްކަވަމުން ކޯލިޝަން އެއްބަސްވުންތަކުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވީ ރައީސް މައުމޫނަށް ތިން ފަހަރެއްގެ މަތިން ޖަލުގައި ހުންނަވަނިކޮށް އެއްބަސްވުން ގެންދެވުނު ކަމަށާއި، އެހެން ނަމަވެސް މައުމޫނު ބޭނުންފުޅުވީ 25 ޕަސެންޓު ކަމުން އެއްބަސްވުމުގައި ސޮއި ނުކުރެއްވީ ކަމަށެވެ.
"މައުމޫނު އޭރު ބޭނުންވީ 25 ޕަސެންޓް. އެހެންވެ ސޮއިނުކުރައްވާ ދިގުދެއްމެވީވެސް. ޖުމްހޫރީ ޕާޓިއާއި އަދާލަތާއި އެމްޑީޕީން އޭގައި ސޮއިކުރީ" ކޯލިޝަނުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ކޯލިޝަނުގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ ކޯލިޝަނެއް ހެދުމަށް ދެކެވުނު ވާހަކަތަކުގައި އެމްޑީޕީން އެންމެ ފުރަތަމަ އެދުނީ 60 ޕަސެންޓް އެޕާޓީއަށް ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެހެން ޕާޓީތަކުން އެގޮތަށް އެއްބަސްނުވުމުން ފަހުން އެމްޑީޕީންވެސް ގޮތް ދޫކުރެއްވީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެމްޑީޕީން ފުރަތަމަ ހުށަހެޅީ 60 ޕަސެންޓު ދިނމުމަށް. އެކަމަކު އޭރު ދެން އޮތް ތިން ޕާޓީއަށް ލިބޭ މިންވަރު މަދުވުމުން ފަހުން އެމްޑީޕީންވެސް ދޫކުރީ 40 ޕަސެންޓަށް. އެކަމަކު އޭރުވެސް މައުމޫނު އެގޮތަށް އެއްބަސްވެ ވަޑައިނުގެންނެވީ" ކޯލިޝަނުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވިއެވެ.
ކޯލިޝަނުގެ ކަންތައްތައް ފެށިގެން އައިއިރުވެސް އެކަމުގެ ތެރޭގައި އިސްކޮށް ހަރަކާތެރިވި އިސް ބޭފުޅަކު ވިދާޅުވީ މައުމޫނު ހުށަހެޅުއްވީ ހަތަރު ޕާޓީއަށް އެއް ވަރަކަށް ކޮންމެ ޕާޓީއަކަށް 25 ޕަސެންޓް ސަރުކާރުން ދީ ސަރުކާރެއް އެކުލަވާލުމަށެވެ.
އެހެން ނަމަވެސް އެގޮތަށް އެއްބަސްނުވެވި ފަހުން ހަތަރު އެއްބަސްވުމެއް ތައްޔާރުޔ ކުރެވިގެން ދިޔައީ ކަމަށާއި، އޭގެ ތެރެއިން މައުމޫނާއެކު ރައީސް އިބްރާހިމް މުހައްމަދުޔ ސޯލިހް އެއްބަސްވާން ޖެހޭ އެއްބަސްވުމުގައި ސޮއި ކުރެވިފައި ނުވާ ކަމަށެވެ.
މި ހަތަރު އެއްބަސްވުމުގެ ތެރެއިން ރައީސް އިބޫއާއެކު އެމްޑީޕީން ވެފައިވާ އެއްބަސްވުން ވަނީ ލީކްކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ