ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ގަބޫލުފުޅު ކުރައްވާ ރީއްޗަށް ވެރިކަމުން ފައިބައިވަޑައިގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮވާލައްވައިފި އެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި އެ ނިންމުން ހިންގަން ޖެހޭނެ ކަމަށެވެ. އަދި، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކޯލިޝަން ތިބީ ދޫދޭ ގޮތަށް ނޫން ކަމަށެވެ.
"ރައްޔިތުންގެ ނިންމުން އެގޮތުގެ މަތިން ދެމެހެއްޓުމަކީ މުޅި ރައްޔިތުންގެ ވާޖިބެއް، މިހާރު ރައިސުލްޖުމްހޫރިއްޔާގެ މަގާޟުގައި ހުންނެވި ބޭފުޅާގެ ވެސް ވާޖިބެއް، އަދި ސަލާމަތީ މުއައްސަސާތަކުގެ ވެސް ވާޖިބެއް، ރައްޔިތުންގެ ބަސް ސިފައިންނާއި ފުލުހުން ވެސް ދަމަހައްޓަން ޖެހޭނެ، އަޅުގަނޑުމެން އެންމެންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބި ބައެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިވި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ އެ އިންތިހާބުގެ ދެވަނަ ބުރުގައި 46 ޕަސެންޓް އެމަނިކުފާނަށް ވަގުތީ ނަތީޖާއިން ލިބުމުން އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ވޯޓު އަލުން ގުނުމަށް އެދިވަޑައިގަތުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިނުގެންނެވީ، ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދާނެތީކަން ފާހަގަކުރެއްވި އެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، އެ ރޭ ފަތިހު ވާދަވެރި، ރައީސް މުހައްމަދު ނަޝީދަށް ފޯނު ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށާއި އެއަށްފަހު ހެނދުނު ރައީސް އޮފީހަށް ދައުވަތު ދެއްވައި ރަސްމީކޮށް މަރުހަބާ ވިދާޅުވިކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކަމާއެކު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އެފަދައިން ރައީސް އަބްދުﷲ ޔާމީން ވެސް ބަލި ގަބޫލު ކުރެއްވުމަށް ގޮވާލައްވާފަ އެވެ. ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެން ނުދާނީ އޭރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެއްވެސް މީހަކު މި އިންތިހާބުގެ ނަތީޖާއާމެދު ޝައްކު ނޫފެއްދުމަށް ގޮވާލަން، އިންތިހާބުން ނާކާމިޔާބުވި ބޭފުޅާ ވެސް ޝަރަފާއި ފަހުރުވެރިކަމާއެކު އެކަން ގަބޫލު ކުރައްވާ، ތަނަވަސް މަގު ދައްކަވާ ދެއްވާށޭ،" ރައީސް މައުމޫން، ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.
"އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލު ކުރައްވާށޭ، އެޔޭ ޑިމޮކްރަސީއަކީ، މައްސަލަ ނުޖައްސަވާށޭ، ރައްޔިތުން އަނެއްކާ ފިތުނައެއްގެ ތެރެއަށް ވައްޓާ ނުލައްވާށޭ، ރައްޔިތުންގެ ސަލާމަތަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން ރީތިކޮށް ރައްޔިތުންނަށް ހިނިތުންވެލާފައި އަލްވަދާއު ކިޔާފަ ދާށޭ، އެޔޭ ގޮތަކީ،"
ރައީސް މައުމޫން ވަނީ ރައްޔިތުން ސާބިތުކާއެކު ތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ. ހުރިހާ މުއައްސަސާތަކުން ވެސް ރައްޔިތުންގެ ސާފު ނިންމުން ދަމަހައްޓަން ރައްޔިތުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން، ރައީސް ޔާމީނަށް: ހިނިތުންވުމާއެކު އަލްވަދާއު ކިޔުއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ