ޔޫރަޕްގެ ރައްޔިތުން ޓޮބްލެރޫން ޗޮކްލެޓް ބޮއިކޮޓް ކުރަނީ

ޔޫރަޕްގެ ރައްޔިތުން މަޝްހޫރު ޓޮބްލެރޫން ބްރޭންޑްގެ ޗޮކްލެޓް ބޮއިކޮޓް ކުރަން ފަށައިފި އެވެ.
ޓޮބްލެރޫން ޗޮކްލެޓަކީ ހަލާލް އެއްޗެއްކަން ހާމަވާ ފަދަ އިބާރާތެއް އެޗޮކްލެޓްގައި ލިޔެފައި އޮތުމުގެ ސަބަބުން ޔޫރަޕްގެ ރައްޔިތުން އެކަމާއި ރުޅިގަދަވެ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ރައްޔިތުން ދަނީ މިކަމާ ހިތްހަމަނުޖެހި މި ޗޮކްލެޓް ބޮއިކަޓް ކުރަމުންނެވެ.
ޓޮބްލެރޫން ޗޮކްލެޓްގެ ރެސިޕީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ޔޫރަޕްގެ ބައެއް ރައްޔިތުން ގެންދަނީ މީގެ ފަހުން ދެން ޓޮބްލެރޫން ޗޮކްލެޓް ނުކާނެ ކަމަށް ބުނެ ޓްވީޓްވެސް ކުރަމުންނެެވެ.
ޓޮބްލެރޫން އުފައްދާ ކުންފުނި ކަމަށްވާ މޮންޑެލޭޒްއިން ބުނެފައިވަނީ ސްވިޒަލޭންޑްގެ ބާންގައި ހުންނަ ޓޮބްލެރޫން އުފައްދާ ފެކްޓްރީއަށް މީގެ އަށް މަސް ދުވަސް ކުރިން ހަލާލް ސެޓިފިކެޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޗޮކްލެޓް އުފެއްދުމުގެ މަރުހަލާގައި ބައެއް ކަންކަން މުޅިން ފުރިހަމަކުރެވިފައި ނުވާތީ އޭރު ޗޮކްލެޓްގައި ހަލާލް ކަމަށް ދޭހަވާ ފަދަ އިބާރާތެއް ބޭނުން ނުކެރުވުނީ ކަމަށްވެސް ބުނެފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ހަލާލް ސެޓިފިކޭޝަންއިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ ބައިނަލްއަގަވާމީ ކުންފުނި ތަކުގައި ހުންނަ ގިނަ އުފެއްދުންތަކުގައި ހުންނާނީ ހަލާލް ލޯގޯ ޖަހާފައި ކަމަށެވެ. ހަމައެކަނި ހަލާލް ލޯގޯ ޖަހާފައި ހުންނަ ކާނާ ކައިގެން އުޅޭ ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ދުނިޔޭގައި އުޅޭ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ޓޮބްލެރޫން އުފައްދާ ކުންފުނިން މިގެނެސްފައިވާ ބަދަލާއި، ހަލާލް ކާނާ އަކީ ކޮބައިކަން ދިރާސާ ކުރުމަށް މިކަމާ ނުރުހޭ ފަރާތްތަކަށް ބައެއް ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ. ކާއެއްޗެއް ހަލާލް ވުމަކިީ އެ އެއްޗެއްގެ ރައްކާތެރިކަން އިތުރަށް ޔަގީންކޮށްދޭ ކަމެއް ކަމަށްވެސް ހަލާލް އުފެއްދުންތަކަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ