ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ. އެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން މިސަރަހަށްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެންދުނު 11:00 އިން ހަވީރު 17:00 އަށެވެ.
ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާނެކަމަށާ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ހުޅަނގު އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށް މެޓްއޮފީހުން ލަފާ ކުރެއެވެ.
އުތުރާއި މެދުރާއްޖެތެރޭ ކަނޑުތަށް ގަދަވާނެ ކަމަށާ، ދެކުނު އަތޮޅުތަކުގެ ކަނޑުތަށް އައިދާގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން އިލްތިމާސްކުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ