ކައުންސިލްގައި އެދުމުން ނުކޮށްދިންކަމަށްބުނެ، ގާދޫން ފޮނަދުއަށް ބަދަލުވި ރައްޔިތުން ނިކުމެ ފޮނަދޫގައި މަގެއް ކޮށައިފި !

ލ ގާދޫގައި ދިރިއުޅޭ ރައްޔިތުން އެ އަތޮޅު ފޮނަދުއަށް ބަދަލުކޮށްފައިވާއިރު ގާދޫ އިން ފޮނަދުއަށް ބަދަލުވި ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި އޮންނަ މަގުގައި ހިނގާބިނގާވެ އުޅުމާއި ވެހިކަލް ދުއްވަން ދަތިވާވަރުވާތީ އިތުރު މަގެއް ހަދައިދިނުމަށް ގާދޫ ކައުންސިލް މެދުވެރިކޮށް ފޮނަދޫ ކައުންސިލްގައި އެދި އެދި އެކަން ނުކޮށްދިން ކަމަށްބުނެ ގާދޫން ފޮނަދުއަށް ބަދަލުވި ރައްޔިތުން މިއަދު ނިކުމެ ފޮނަދޫގައި މަގެއް ކޮށައިފި އެވެ.
މަގު ކޮށާފައިވަނީ ފޮނަދޫގައި ގާދޫ އިން ބަދަލުވި  މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ދާދިފަހުން އަޅާފައިވާ މިސްކިތް ކައިރިންނެވެ.
ދުވަހަށް މައުލޫމާތު ދެމުން މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ގާދޫ އިން ފޮނަދުއަށް ބަދަލުވި މީހަކު ބުނީ ރައްޔިތުން ނިކުމެ މަގު ކޮށާ، މަގު ހަދަން ޖެހުނީ ގާދޫ ކައުންސިލް މެދުވެރިކޮށް ފޮނަދޫ ކައުންސިލްގައި އެކަމަށް އެދި އެދިވެސް ހައްލެއް ނުލިބުމުން ކަމަށެވެ.
“އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ގެންދަންވެސް މި އޮންނަނީ އެންމެ މަގެއް، އެމަގުން މިހާރު ދުއްވޭ ވަރެއް ނޫން، ބައެއް ހިސާބުތައް ޗަކަ ކަމުން ހިނގޭ ވަރެއް ނޫން އެ މަގު ހެދުމުގެ މަސައްކަތް ކުރާތީ އެ މަގުން ދަތުރުކުރުމުގައި ވަރަށްބޮޑަށް ދަތިތަކާ ކުރިމަތިވޭ” ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފޮނަދޫ ކައުންސިލްގައި މިކަމަށް އެދުމުން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނާންނަ ކަމަށެވެ.
މިކަމާއި ބެހޭގޮތުން ދުވަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ އެ މަގު ހެދުމުގެ މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށާއި ގާދޫން ފޮނަދުއަށް ބަދަލުވި ރައްޔިތުން މަގު ކޮށައި އެ މަގު ހެދުމުގެ ހުއްދަ ވާނީ ދީފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ