އަޅުގަނޑަށް ތާއީދު ކުރާ މީހަކު ޕީޕީއެމު ދޫކޮށެއް ނުދާނެ: ރައީސް މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު ޕީޕީއެމު ދޫކޮށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނަށް ތާއީދު ކުރައްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޕީޕީއެމު ދޫކޮށް އެހެން ޕާޓީތަކާއި ގުޅެމުންދާ ކަމަށެވެ. އަދި ޕީޕީއެމުން ވަކިވަމުންދަނީ މިހާރު އެޕާޓީގައި ރައީސް މައުމޫނުގެ ފިކުރު ނެތުމުން ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ޕީޕީއެމުގައި އަދި ވެސް އޮތީ އެމަނިކުފާނުގެ ފިކުރު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ތާއީދު ކުރައްވަންޏާ ތިއްބަވަން ޖެހޭނީ ޕީޕިއެމުގައޭ، ދެން ވިދާޅުވާ އެއްޗަކީ ޕީޕީއެމު ހިނގަނީ މައުމޫނު ބޭނުންވާހާ ގޮތަކަށް ނޫނޭ، ޕީޕީއެމުގެ ފިކުރަކީ މައުމޫނުގެ ފިކުރެއް ނޫނޭ. އެހެންވީމައޭ ތިމަންނަމެން ޕީޕީއެމުގަ ކޮންމެހެން ތިބެން ނުޖެހެނީ. އެކަމަކު އެއީކީ ވެސް ހަގީގަތެއް ނޫން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ޕީޕީއެމުގަ މިއޮތީ އަޅުގަނޑުގެ ފިކުރު. ޕީޕީއެމު ހިނގަމުން މިދަނީ އަޅުގަނޑު ވެސް ގަބޫލު ކުރާ އުސޫލުގެ މަތިން،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުން ކަންތައްތައް ނިންމަމުން ގެންދަނީ އެޕާޓީގެ ކައުންސިލުން ކަމަށާއި އެއީ އެމަނިކުފާނުގެ ފިކުރު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނުވަނީ މިރޭ ވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ޕީޕީއެމުގެ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ވޯޓަކީ އަމިއްލަ ހައްގެއް ނޫން ކަމަށާއި އެއީ ގައުމުގެ ހައްގެއް ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ގައުމުގެ މުސްތަގުބަލު ބިނާ ކުރާނީ ވޯޓުން ކަމަށެވެ. އެހެން ކަމުން ވޯޓު ދެއްވުމުގައި ގައުމުގެ މުސްތަގުބަލާއި މެދު ވިސްނުމަށް ރައީސް މައުމޫނު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ