ޒައީމު މައުމޫން ވަލުދޮރާށިން ސިޔާސީ މަސްރަހަށް ވަންނަވަން އުޅުއްވާ ކަމަށް އެމްޑީޕީ ޕާލަމެންޓް ގްރޫޕް މެމްބަރަކު ވިދާޅުވެއްޖެ

ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު، ވަލުދޮރާށިން ސިޔާސީ މަސްރަހަށް ނިކުންނެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި އެއީ އާއިލީ ވެރިކަމާ ދިމާލަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަމަށް ވިދާޅުވެ، އެގޮތަށް އަމަލު ނުކުރެއްވުމަށް، އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ރައީސް މައުމޫނަށް ގޮވައިލައިފި އެވެ.ގއ. ދާންދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، 2008ގެ ރިޔާސީ އިންތިހާބު ރައީސް މައުމޫނަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް ފަހު، ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް އަލްހާން ފަހުމީ ވިދާޅުވީ، ރައީސް މައުމޫނު ސިޔާސީ މަސްރަހަށް ނިކުންނެވުމަކީ ފިތުނަ ފަސާދައަށް ޖާގަދިނުން ކަމަށެވެ. އަދި ރައީސް މައުމޫނަކީ، ރައީސް ނަޝީދު ގެންގުޅުއްވާ މަޝްވަރާކުރުމުގެ އުސޫލާ ޚިލާފަށް، ވަރަށް ޚުދުމުޚްތާރު ގޮތެއްގައި ކަންތައްތައް ނިންމަވާ ބޭފުޅެއް ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. އަދި ރައީސް މައުމޫނު ގައުމަށް ޚިދުމަތްކުރެއްވުމަށް ވުރެ ބޮޑަށް އަމިއްލަފުޅު ފައިދާއަށް  މަސައްކަތް ކުރައްވާ ބޭފުޅެއްކަން މިއަދު އެބަ ގަބުލުކުރެވޭ ކަމަށާއި އެމަނިކުފާނު ސިޔާސީ މައިދާނަށް ނިކުންނަވަން އުޅުއްވަނީ، ޑީއާރުޕީގެ ލީޑާޝިޕުން އެއްފަރާތަކަށް ޖެހިވަޑައިގެން، ސިޔާސީ ހަޔާތްޕުޅު ނިންމަވާލެއްވީ ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.އަލްހާން ވިދާޅުވީ، ޑީއާރުޕީން ކިތަންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް 500 އަހަރު ވެސް ޑީއާރުޕީއަށް ވެރިކަން ނުލިބޭނޭ ކަމަށާއި 2013 ވަނަ އަހަރު ވެސް މިހާރުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އެމަގާމަށް ހޮއްވެވުމަކީ ލާޒިމް ކަމެއްކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.މިދިޔަ ހުކުރު ދުވަހުގެރޭ ރައީސް މައުމޫނު ރާއްޖެ ވަޑައިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ކޮށްދެއްވުމަށް އަތޮޅުތަކުގައި ކެމްޕެއިން ދަތުރުތައް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ