ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމްގެ ޗެކް އެންޑް ބެލެންސް ގެއްލިގެން ހިނގާދާނެ ކަމުގެ ރަނގަބީލު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ޖައްސަވައިފި އެވެ.
މިމޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2015 ވަނަ އަހަރުގެ ބަޖެޓާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި މިއަދު މިއޮތް ވެރިކަމުގެ ނިޒާމް ބައްޓަން ކުރި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖީލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ހިންގަން ޖެހޭ ކަންތައްތަކަށް ބަލާލުމެއް ނެތި މުއައްސަސާތަކާ މެދު ވަރަށް ނިކަމެތިކޮށް ހިތާފައި ހުރި މަންޒަރު އަންނަ އަހަރުގެ ބަޖެޓުން ފެންނަމުންދާ ކަމަށެވެ.
އެކަން ފާހަގަ ކުރެއްވުމަށްފަހު އެކަން އެގޮތަށް ކުރުމުގެ 'ވިސްނުމަކީ ކޮބާތޯ؟' ގާސިމް ސުވާލު ކުރެއްވި އެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެގޮތަށް މުއައްސަސާތަކާ މެެދު އަމަލުކުރެވޭނަމަ މިނިވަން މުއައްސަސާ ތަކުގެ މާބޮޑު ބޭނުމެއް ނެތްކަމާއި އެތަންތަން ދިރުވާ ކުރިއެރުވަމީ ބޭނުމެއް ނެތް ކަން އެނގިގެންދާނެ ކަމަށެވެ.
"ޤާނޫނު އަސާސީގައި ވަރަށް ބޮޑަށް ބާރުއަޅާފައި މިވަނީ މިނިވަން މުއައްސަސާތައް ނަގަހަށްޓާ ދެމެހެއްޓުމަށް. ފިނޭންސް މިނިސްޓަރަށާއި ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ މިނިވަން މުއައްސަސާ ތަކުގެ ބަޖެޓް ހިފަހަށްޓަވައިގެން ތިހެން ގެންދަވާ ކަމަށް ވަންޏާ ކިހިނެއްތޯ މުއައްސަސާތައް ރަނގަޅުކޮށް ކުރިއަށް ގެންދާނީ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތައް ހިންގުން ހަރުދަނާ ކުރުމަށް އިސްކަން ނުދޭ ނަމަ ދައުލަތުގެ ތެރޭގައި އޮންނަންޖެހޭ ޗެކް އެންޑް ބެލެންސްގެ ނިޒާމް ނޯންނާނެ ކަމުގަ އެވެ.
"އޭރުން ގައުމުގެ ކަންތައްތައް ބޮއްސުންލައިގެން ހިނގާ ދާނެ. ކޮރަޕްޝަނަށް އިންތިހާ ދަރަޖައަށް މަގު ފަހިވެގެން ދާނެ . ހަމަ އެއްވެސް ކަމަކާއި ބެހޭ ގޮތުން އެއްޗެއް ބުނެލާނެ އެއްވެސް މުއައްސަސާއެއް ނުހުންނާނެ. ހަމައެކަނި އޮތް އެއްޗަކީ ސަރުކާރުގެ ޕޮލިސީ ކަމަށް ވެގެން ހިނގައިދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދޅާުވީ ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމަކާއި ގުޅިގެން އެއްޗެއް ބުނެލާނެ މީހަކު ނެތް ހިސާބަށް ގައުމު ދިއުމަކީ ޑިމޮކްރަސީގެ ހަމަތަކުން ބޭރުވެގެން ދިއުން ކަމަށާއި އެއަށް ކިޔަނީ އެހެން ކޮންމެވެސް ނަމެއް ކަމަށާއި އެދިމާލަށް ގައުމު ދަތުރުކުރުމަކީ ކޮންމެ ރައްޔިތަކުވެސް އެކަމާ ވިސްނާ ސުވާލު ކުރަންޖެހޭ ކަމެއް ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
ގައުމުގެ ހާލަތާ މެދު އެއްޗެއް ބުނެލާނެ މީހަކު ނެތް ހިސާބަށް ހިނގައިދާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ