ކަރަންޓުގެ ޚިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތަށް ރައީސް ޔާމީންގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ބެއްލެވުމަށް ކުރެއްވި ޒިޔާރަތަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ "ރައީސް ޔާމީންގެ ރިޔާސި މިދައުރު ނިމުމުގެ ކުރިން މާﷲ އިރާދަފުޅާއެކު ކަރަންޓުގެ ޚިދުމަތަށް ރިވޮލިއުޝަނެއް (އިންގިލާބެއް) އަންނާނެ. އަޅުގަނޑު މިވަގުތަށް އަދި ނެތިން އެކަމުގެ ތަފްސީލް ހާމަކުރާކަށް. އިރާދަކުރެއްވިއްޔާ މިބޮޑު ޕްރޮޖެކްޓް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ. މި ޕްރޮޖެކްޓްގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ،" ކަމަށެވެ.
ލަމްއާން ރަށްރަށަށް މި ވަޑައިގެންނެވީ ރަށްރަށުގެ އިންޖީނުގެތަކުގެ ފެންވަރު ބައްލަވައި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުމަށްޓަކައެވެ. މިދަތުރުގައި އޭނާ ވަނީ އަތޮޅުތަކުގެ ބްރާންޗު ވެރިންނާ ބައްދަލު ކުރައްވައި ކަންކަން އޮޅުން ފިލުވައިފައެވެ. އޭނާ ވިދާޅުވީ "ޚިދުމަތް ލިބުގަތުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި. މިހާރު ރައީސް ޔާމީން މިވަނީ ސައުވީސްގަޑިއިރު ކަރަންޓް ޔަގީން ކޮށްދެއްވައިފައި. ރައްޔިތުން މިހާރު އެންމެބޮޑަށް ބޭނުންވެފައި މިތިބީ އެ ސައުވީސްގަޑިއިރުގެ ކަރަންޓް ޚިދުމަތް އިތުރަށް ފުޅާކުރަން.،" ކަމަށެވެ. އެގޮތުން ވޯޓޭޖު ދަށްވާ ދިމަދިމާގައި ކޭބަލްއަޅައި ވޯލްޓޭޖު މަތިކުރުމާއި، އަލަށް އާބާދުވާ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުން އަވަސް ކުރުމުގެ އިތުރަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުންވެސް އަވަސް ކުރުމަށް ރައްޔިތުން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ