ކުރީގެ މެމްބަރު ނާޒިމަށް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފި އެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް، މުހައްމަދު ހުޝާމް މިއަދު ސަން އަށް ވިދާޅުވީ ނާޒިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އެ ސާވިސް އިން އިތުރުކޮށްދީފައި ވަނީ ނާޒިމްގެ ތިން ވަނަ އޮޕަރޭޝަނެއް ކުރުމަށް، މުއްދަތު އިތުރުކޮށްދިނުމަށް އެދިފައި ވާތީ ކަމަށެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ނާޒިމް ފުރާވަޑައިގަތީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ފުރަތަމަ ސިންގަޕޫރަށް އޭނާ ވަޑައިގަތީ 15 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ނާޒިމްގެ ފަރާތުން އެދުމުން ކަރެކްޝަންސް އިން ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ކުރިން ދީފަ އެވެ. އެ ހުއްދައިގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ. ނާޒިމް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތީ މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށް ފަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ