ހޯރަފުށީ ރަންވޭ މިހާރު ހީވަނީ މޫދެއްހެން!

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އުދަ އަރައި، ހޯރަފުށީ އެއާޕޯޓުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ. ފޫޓެއްހާ އުހަށް ފެންބޮޑުވެފައިވާއިރު އެތަނުގެ ރަންވޭ މިހާރު ހީވަނީ މޫދެއްހެންނެވެ.
ހޯރަފުށީ ކައުންސިލްގެ މެމްބަރު އަލީ ނާސިރު އާދަމް ވިދާޅުވި ގޮތުގައި އެ ރަށުގެ ތާރީހުގައި މިހާ ބޮޑަކަށް އަދި އުދައެއް ނާރަ އެވެ. އެއާޕޯޓަށް ދާން އޮންނަ ކޯޒްވޭގައި ވެސް އޮތީ ހުސް ލޮނާއި ވެއްޔެވެ. ރަށުގައި ހިލަ ނުޖަހާ އޮތް ސަރަހައްދުން އަންނަ ރާޅާއެކު ގާތައް ވެސް ކޯޒްވޭ އާއި ރަންވޭއަށް ދަނީ އަރަމުންނެވެ. އެއާޕޯޓުގައި ފޫޓަކަށްހާ އުހަށް ފެންބޮޑުވެފައިވާއިރު، ރަންވޭގެ ގިނަ ލައިޓްތަކާއި ޓާމިނަލްގެ ބިއްލޫރި ދޮރު ވެސް އޮތީ ވެއްޓިފަ އެވެ.
"ވަރަށް ބޮޑުވަރުވެފައި އޮތީ. ހިޔެއް ނުވޭ އެހާ އަވަހަށް މިިތަން ބޭނުން ކުރެވޭނެހެން ވެސް،" މީގެ ފަސް މަސް ކުރިން ހުޅުވި އެއާޕޯޓާ ބެހޭގޮތުން ނާސިރު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި --.ފޮޓޯ: ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާލާއިރު ވެސް އެއާޕޯޓުގެ ހާލު ގޯސްކަން އެނގެ އެވެ. ރަންވޭގެ ހުރަހަށް، އެއް ފަރާތުން އަނެއް ފަރާތަށް ރާޅުގަނޑު ބިންދާލަ އެވެ. ވައި ގަދަކަމުން، ރީތިކޮށް މީހަކަށް ހިނގާފައި ވެސް ދާން އުނދަގުލެވެ. މުޅި ހިސާބުގަނޑުގައި ވެސް އޮތީ ގައްޔާއި ވެއްޔެވެ. އެހެންވެ، އެއްގަމު އުޅަނދުތަކަށް ވެސް އެ ސަރަހައްދަށް ދިޔުން ރައްކާތެރިއެއް ނޫނެވެ. ޓާމިނަލާއި ރަންވޭގައި ވެސް ފެންގަނޑު ބޮޑުވެފައި އޮތްވަރުން ހީވަނީ ހަމަ މޫދެއްހެންނެވެ.
މިއީ މީގެ ކުރިން، ހޯރަފުށީގެ ރައްޔިތުން ދުށް މަންޒަރެއް ނޫނެވެ. އެއާޕޯޓުގެ އިތުރުން ރަށު ތެރޭގައި ވެސް ދެ ފޫޓެއްހާ އުހަށް ވަނީ ފެންބޮޑުވެފަ އެވެ.
މީގެ ކުރިން އެގޮތަށް އަރާ ރާޅު، ކަނޑާފައިވާ ނެރުން ބޭރުވި ނަމަވެސް، އެއާޕޯޓު ހެދުމަށް އެތަން މިހާރު ވަނީ ހިއްކައި، ރަށާ ގުޅާލާފަ އެވެ. އެހެންވެ، ރާޅު ސީދާ ރަށުތެރެއަށް އަރަނީ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި --.ފޮޓޯ: ސޯޝަލް މީޑިއާ
ނާސިރު ވިދާޅުވީ އެއާޕޯޓު ދެން ބޭނުން ކުރެވޭނީ އެތަން ވަރަށް ބޮޑަށް ސާފުކޮށް، މަރާމާތުކޮށްގެން ކަމަށެވެ. ކައުންސިލުން މިހާރު އަންނަނީ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ވަރަށް ގޯހެވެ. ގިނަ އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފައިވާއިރު، ވިއްސާރައިގައި ރަށްރަށަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ