އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދުވެސް ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައިފިއެވެ.
އިސްރާއީލުން މިއަދުވެސްވަނީ، ޣައްޒާގެ ދެކުނާއި، އުތުރާއި އަދި މެދުތެރޭގެ ހިސާބުތަކަށް ބޮން އަޅާފައެވެ.
އެގޮތުން، އާންމުންގެ ގެތަކަށާއި، އިމާރާތްތަކާއި، ޣައްޒާގެ ދަނޑުބިންތަކަށްވެސް ބޮން އަޅައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ. އެގޮތުން ޣައްޒާގެ 30 ތަނަކަށް މިއަދު ހަމަލާތައް ދީފައިވާ ކަމަށް ބުނެފައި ވެއެވެ.
ގިނަ ހަމަލާތައް އަމާޒުވެފައިވަނީ ޚާން ޔޫނިސްއަށާއި، ޖަބާލިއާއަށެވެ.
މިއަދު ހަމަލާތަކުގައި އުމުރުން 32 އަހަރުގެ އަންހެނަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާއިރު، އިތުރު އެތައްބަޔަކު ޒަޚަމްވި ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ޣައްޒާގެ މެދުތެރޭގައި ހުރި ގެއަކަށް މިއަދު ދިން ހަމަލާގައި ހަތްމީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ބޮންއަޅަމުންދާތީ މިއަދަށް 11 ދުވަސް ވެފައިވާއިރު، މިހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 230 އަށް އަރާފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި 65 ކުޑަކުދިންނާއި، 39 އަންހެނުންވެސް ހިމެނެއެވެ.
އަދި ހަމަލާތަކުގައި ޣައްޒާއިން ޒަޚަމްވި މީހުންގެ އަދަދުވަނީ 1،710 އަށް އަރާފައެވެ.
ޒަޚަމްވެ ހާލު ސީރިއަސްވެފައިވާ މީހުން ގިނަވެ، ޣައްޒާގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތައް މިހާރު ފުރިފައިވާ ކަމަށް މުރާސިލުން ބުނެއެވެ.
އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ރޭގައިވެސްވަނީ ޣައްޒާއަށް ބޮން އަޅާފައެވެ. ނަމަވެސް، އެހެން ރޭތަކާ ޚިލާފަށް ރޭގައި ދިން ހަމަލާތައް މަދުކަމަށް މުރާސިލުން ފާހަގަ ކުރެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ޣައްޒާގެ ޖަމާއަތްތަކުންވެސް ވަނީ، އިސްރާއީލުގެ ތެރެއަށް 80 ރޮކެޓް ފޮނުވާލާފައެވެ. އަދި މޯޓަރު ބޮމުންވެސް ހަމަލާތައް ދީފައި ވެއެވެ.
ރޮކެޓް ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުން މިއަދުވެސް ޣައްޒާގެ 30 ތަނަކަށް ބޮންއަޅައިފި، އެކަކު ޝަހީދު، އެތައްބަޔަކު ޒަޚަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ