ވަޒީފާ އިން ވަކިކުރި މައްސަލައެއް ބަލަން ގިނަ އަހަރުތަކެއް ނެގުމަކީ އިންސާފެއްނޫން: މެމްބަރު ނިހާދު

ވަޒީފާ އިން ވަކިކުރި މައްސަލައެއް ބަލަން ގިނަ އަހަރުތަކެއް ނެގުމަކީ އިންސާފެއްނޫން ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ނިހާދު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރެބިއުނަލް އަދި ކޯޓުތަކަށް މައްސަލަ ހުށަހަޅަނީ އިންސާފު ލިބުމަށް އެދި ކަމަށާއި ވަޒީފާ އިން ވަކިކުރި މައްސަލައެއް ބަލަން އެއް އަހަރާއި ތިން އަހަރު ދުވހަުގެ މުއްދަތެއް ނެގުމަކީ އިންސާފެއްނޫން ކަމަށެވެ.
ދެއްކޭނެ އިތުރު އުޒުރެއް އޮންނަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރުގެ މި ޓްވީޓުގައި ސީދާ ކޮން މައްސަލައެއް ކަން ފާހަގަކޮށްވައިނުވާއިރު މަދަނީ އަދުލުގެ ނިޒާމުގެ ބިލު ލަސްވާތީ އެކަމާ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އަދުލުގެ ނިޒާމުގެ ބިލް ގާނޫނަކަށްވެފައިނުވުމަކީ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޒް އަހްމަދު އަބްދުﷲ އަފީފްވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
އެ ބާވަތުގެ މައްސަލަތަކުގައި ދެފުއްފެންނަ ގޮތެއްގައި އެންމެ އިންސާފުވެރިކޮށް އެކަން ކުރެވޭނީ އެކަމާއި ގުޅޭ ގާނޫނެއް އޮވެގެން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަފީފް ވިދާޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެހެންނަމަވެސް އެބިލް އަދިވެސް އޮތީ މަޖިލީހުގެ ކޮމެޓީއެއްގައި ކަމަށާއި އެހެންކަމުން އެހާ ގިނަ ދުވަސްވެގެންދާއިރު އެބިލު ގާނޫނަކަށް ވެފައިނުވާތީ އެއީ އިންސާފު ލިބިިދިނުމުގައި ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަފީފް ވިދާޅުވިއެވެ.
ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީއެއްވެސް އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ