ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީ މުސްތަފާބެއާ ވާދައަށް ޖޭޕީން އަބްދުﷲ ރިޔާޒް ނިކުންނަވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވަން ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު ނިންމަވައިފި އެވެ.
އަބްދުﷲ ރިޔާޒް ޖޭޕީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ނިކުންނަވަން ނިންމެވި އިރު، އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ މިހާރު ވެސް އެދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު މުސްތަފާ (މުސްތަފާބެ) އެވެ. އެހެން ވެއްޖެ ނަމަ އެ ގޮނޑި ވެގެން ދާނީ ވަރަށް ވެސް ވާދަވެރި ހޫނު ގޮނޑިއަކަށެވެ. ފާއިތުވި ތަނަށް ބަލާ އިރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ވެގެން ގޮސްފައި ވަނީ ވަރަށް ވާދަވެރި ގޮނޑިއަކަށެވެ.
ތިމަރަފުށްޓާއި ވޭމަންޑޫ ހިމެނޭ، ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން އަބްދުﷲ ރިޔާޒު އިއުލާނުކުރައްވައިފައި ވަނީ މީގެ އިރުކޮޅެއް ކުރީން އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
"މާތްﷲގެ ވާގިފުޅާ އެކު، 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. މިދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަން." ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މީގެ އިރުކޮޅެއް ކުރީން ރިޔާޒް ވިދާޅުވީ، ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވުން އެއީ އަބަދުވެސް ބޭނުންފުޅުވި ކަމެއް ކަމަށާއި މައިގަނޑު ސަބަބަކީ އެއީ އުފަން ދާއިރާ ކަމަށް ވާތީ ކަމަށެވެ.
"މިދިޔަ ފަހަރުވެސް އަޅުގަނޑު ކުރިމަތިލާން ބޭނުންވީ ތިމަރަފުށީ ދާއިރާއަށް. އެއީ އަޅުގަނޑުގެ އުފަން ދާއިރާ. އަޅުގަނޑުގެ އާއިލާ އާއި ގާތް ރަހުމަތްތެރީން އެދާއިރާގައި ވަރަށް ގިނަ. އެހެން ވީމަ އެދާއިރާއަށް ޚިދުމަތްކުރަން އަޅުގަނޑު ވަރަށް ބޭނުންވޭ." ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ މިދިޔަ ފަހަރު ތިމަރަފުށީ ދާއިރާއަށް ކުރިމަތިނުލައްވައި ދޫކޮށްލެއްވީ ވެސް އާއިލާއަށް ޓަކައި ކަމަށާއި އެއީ ދެބޭންގެ ދެދަރިބޭފުޅެއް ކަމަށްވާ އަހުމަދު ޝަރީފު (އީސީ ޝަރީފު)އަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. މިދިޔަ ފަހަރު މުސްތަފާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޝަރީފަށް ވުރެ ނުވަ ވޯޓު އިތުރަށް ހޯއްދަވައިގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ