ހައްޖުގެ އަޅުކަމަށް ޕެންޝަން ފައިސާ ދޫކުރަން ކޮމިޓީން ފާސްކޮށްފި

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު، އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ކޮމިޓީގެ މަރުހަލާގައި މި ބިލް ފާސްކުރީ އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ. މި އިސްލާހަށް ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ މި ވަޢުދަކީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމެކެވެ.
މި ބިލްގައި ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރަނީ، އަލަށް ހައްޖަށް ދާ މީހުންނަށް އެންޏެވެ. އަދި ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ދޫކުރަނީ، ހައްޖަށް ދިއުމުގެ އަގުގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދު 50 އިންސައްތަ އެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ، ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި، އެހެންކަމުން އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ހަމަޖައްސައިދީ ހައްޖުގެ މަތިވެރި އަޅުކަން ކޮންމެ މީހަކަށްވެސް ކުރެވޭނެ މަގެއް ހޯދައިދިނުމަށް ކަމަށްވެސް ބިލް ހުށަހެޅުއްވި މެންބަރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ރިޓަޔާ ކުރާ ފަރާތްތަކަށް ޕެންޝަން ފަންޑުން ވަކި މިންވަރަކަށް ގަނޑުކޮށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަންވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ