އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެކައުންޓްތައް ހާމަކުރުމަށް ގޮވާލާ އެއްވުމެއް ބާއްވަނީ

އެމްއެމްޕީއާރުސީ ފައިސާ ޖަމާކުރި އެކައުންޓުތައް ހާމަކުރުމަށް ގޮވާލާ އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
މިއެއްވުމާ ގުޅޭ މައުލޫމާތު ވީނިއުސްއާ ހިއްސާކުރައްވަމުން ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ޒުވާނުން އިސްނަގައިގެން ބާއްވާ މިއެއްވުމަކީ އެމްއެމްޕީއާރްސީގެ ފައިސާތައް ޖަމާވި އެކައުންޓްތައް ހާމަކުރުމަށް ގޮވާލާ ބާއްވާ އެއްވުމެއް ކަމަށެވެ.
ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތައް ޖަމާވި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންގެ އެކައުންޓަށް ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް އެއިން އެއްވެސް މެމްބަރެއްގެ ވަނަވަރު ހާމަކޮށްފައި ނުވާތީ، އެކަމާ މެދު ކަންބޮޑުވާ ކަމަށާއި ބޭނުންވަނީ އެމައުލޫމާތުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭން ކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނާ ބައެއް މެންބަރުން ވެސް އިންތިހާބަށް ކުރިމަތިލައްވާ ކަމަށާއި ކޮރަޕްޝަންގެ ފައިސާގައި ހިފާފައި ހުރި މެންބަރަކު ހުރި ނަމަ އެބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ. އަދި ބޭނުންވަނީ މިނިވަން ކަމާއި އެކު މަސައްކަތްކުރައްވާ ކޮރަޕްޝަނާ ދުރު މެންބަރުންތަކެއް މަޖިލީހަށް އިންތިޚާބު ކުރުމަށް ކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ.
މިމުޒާހަރާގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު މިމަހުގެ 15 ވާ ހުކުރު ދުވަހު ކާނިވާ ސަރަހައްދަށް ހާޒިރުވުމަށްވެސް ޝުނާނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެއްވުން ފަށާނީ ކާނިވާ ސަރަހައްދުން އެދުވަހު ހަވީރު ކަަމަށްވެސް ޝުނާނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ