ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ މެދުގައި ބައްދަލުވުން ނުބޭއްވިގެން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަގުތުނުވެގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވާފައިވާ އާއިޝަތު ނާޒިމާގެ ކެމްޕޭން ފެށުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ބައްދަލުވުން ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމްޑީޕީއާއި ޖޭޕީއާއި އަދާލަތު ޕާޓީއާއި އަދި ރައީސް މައުމޫން އެކުވެގެން އުފައްދާފައިވާ ކޯލިޝަނުގެ ވެރިއެއްގެ ގޮތުގައި މިހާރު ވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޓީތަކުން ތިބީ އެމަނިކުފާނަށް ވަގުތުވެވަޑައިގަތުމުން ބައްދަލުވުން ބޭއްވޭނެކަމުގެ އިންތިޒާރުގައި ކަމަށެވެ.
ގާސިމް ވިދާޅުވީ ވަކި ތާރީޚެއްގައި ބައްދަލުވުން ބާއްވައިދިނުމަށް އެދި ރައީސަށް ހުށަހަޅާފައި ނެތް ކަމަށާއި ނަމަވެސް މާލަހެއް ނުވެ ބައްދަލުވުން ބޭއްވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކޯލިޝަންގެ ބައްދަލުވުން ނުބޭއްވިގެން އުޅެނީ ގާސިމަށް ވަގުތު ނުވެގެން ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.
"އަޅުގަނޑަށް ހީވަނީ އެއީ ރަގަޅު ވާހަކައެއް ނޫންހެން. މިދުވަސްވަރަކީ އަޅުގަނޑު މާއަވަދިނެތި އުޅޭ ވަގުތެއް ވެސް ނޫން. މަޖިލީސް ވެސް އެއޮތީ ޗުއްޓީގައި. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް ވަރަށް މިނިވަންކޮށް މިވަގުތު މިދަނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަންތައްތަކެއް ކުރިމަތިވެ، ކަންތައްތަކެއް ހަމަޖައްސަން ޖެހިފައި އޮތުމުން އެކަންކަން ރައީސް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ކޯލިޝަން ޕާޓްނަރުންގެ ބައްދަލުވުން ނުބޭއްވިގެން އުޅެނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަގުތުނުވެގެން ނޫން ކަމަށް އެމަިކުފާނު ވިދާޅުވެފައިވާއިރު، ކޯލިޝަންގެ ލީޑަރުން މަހަކު އެއްފަހަރު ބައްދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ. ލީޑަރުންގެ ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވޭނެ ކަަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ލީޑަރުންގެ ބައްދަލުވުން ނުބޭއްވި ދުވަސްތަކެއް ފާއިތުވެގެންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުގެ މެދުގައި ދާއިރާތައް ބެހުމާމެދު ގޮތެއް ނުނިމި، ޚިޔާލުތަފާތުންތައް ވަނީ ބޮޑުވެފައެވެ.
ލީޑަރުންގެ ބައްދަލުވުން ނުބޭއްވިގެން އުޅެނީ އަޅުގަނޑަށް ވަގުތު ނުވެގެނެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ