ޑްރަގް އޮޕަރޭޝަަންތަކުގައި ގެތައް ފާސްކުރަންވެސް ކުއްތާ ބޭނުންކުރާނެ - އުމަރު

މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގެތައް ފާސްކުރުމުގައި ވެސް ފާރަަގެމައިގެ ކުއްތާތައް ބޭނުން ކުރާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، ފާރަގެމައިގެ ކުއްތާތަކަށް ޚާއްސަކޮށްގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުތައް ހަދާފައިވާ ކެނެލްތައް ފުލުހުންނާ ހަވާލުކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ކުއްތާތައް ރާއްޖެ ގެނެވުމުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލްތަކުގައި ބޭނުންކުރެވޭނެ ކަމަށެވެ.
އަދި، ރާއްޖެ އަންނަ ބޯޓުތަކުގެ ހުރިހާތަކެއް ޗެކް ކުރުމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސަރަހައްދުގައި ކުއްތާތައް ބޭނުން ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުއްތާތަކަކީ މަސްތުވާތަކެތީގެ އިތުރުން، ވަގު ފައިސާއާއި ގޮވާތަކެތިި ހޯދުމަށް ތަމްރީން ދެވިފައިވާ ތަކެއްޗަށް ވާނެ ކަމަށެވެ.
އަދި، މަސްތުވާާތަކެތ ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި, އާންމުންގެ ގޭގެއަށް ވަދެ އެތަންތަން ފާސްކުރުމަށް ވެސް އެ ކުއްތާތަައް ބޭނުން ކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުއްތާތައް ބޭނުން ކުރަން ފެށުމަކީ، މަސްތުވާތަަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ ސްޕޯކްސްޕާސަން އަހްމަދު ޝިފާން ވިދާޅުވީ މި މަހުގެ ތެރޭގައި ކުއްތާތައް ރާއްޖެއަށް ގެނައުމުން، އެތަކެއްޗާއި އެކު މަސައްކަތް ކުރާނެ ފުލުހުންގެ ތަމްރީނުތައް ފެށިގެން ދާނެ ކަމަށެވެ.
އެއާޕޯޓުގައި އެޅި ކެނެލްތައް އެމްއޭސީއެލްއިން ހޯމް މިނިސްޓްރީއާ މިއަދު ހަވާލު ކޮށްފައިވާ އިރު، އެ ކެނެލްތައް ބެލެއްޓުމުގެ މަސައްކަތް، ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ފުލުހުންނާ ރަސްމީކޮށް ހަވާލު ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ