އުމަރު ދިރިއުޅުއްވާ ގޭގެ އެޕާޓްމަންޓަކަށް ވަޅިއަކާއި އެކު މީހަކު ވަދެފި

ހޯމް މިނިސްޓަރ އުމަރު ނަސީރު ދިރިއުޅުއްވާ ގޭގައި ހުރި އެހެން އެޕާޓްމަންޓުގެ ކުޑަދޮރު ތަޅާލައި ވަޅިއެއް ހިފައިގެން މީހަކު ވަދެފައިވާކަމަށް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެގެއަށް ވަން މީހާ ފިލާފައި ވަނީ އެގޭގައި ދިރިއުޅޭ އަންހެނަކު ހަޅޭއްލަވައި ގަތުމުން ކަމަށެވެ. އަދި އެ މީހާ ފިލާފައި ވަނީ ގޭތެރެގައި ވަޅިއަކާއި މަރުތޭލެއް ބާއްވާފައި ކަމަށް މިނިސްޓަރގެ ޓްވީޓުގައި ވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 7:30 ހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އޮފިޝަލް ވިދާޅުވީ ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއް ގޮތުގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެގެއަށް މީހަކު ވަދެފައި ވާކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް އުމަރު ނަސީރު ދިރިއުޅުއްވާ އެޕާޓްމަންޓަށް އެއްވެސް ވަރަކަށް ވަންނަން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.
އަދި އެމީހުން ގެންގުޅުނު ބައެއް އާލާތްތައް ބަހައްޓާފައި ހުރި ކަމަށާއި، މިހާތަނަށް އެނގުނު ގޮތުގައި އެގެއަށް ވަދެފައި ވަނީ އެންމެ މީހެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ