ކޮމަންޑޫގެ ކަރަންޓު އަގުހެޔޮ ކުރުމާއި ގުޅޭގޮތުން ރައީސް އާއި މަޝްވަރާކޮށްފި

ށ. ކޮމަންޑޫގެ ކަރަންޓު އަގުހެޔޮކުރުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެރަށުގެ ކައުންސިލުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރިއަަށް ގެންގޮސްފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް އާ ހިއްސާކުރައްވާފައެވެ.
އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސް ސާލިހާއި މަޝްވަރާކުރައްވާފައެވެ.
‎ރަށަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
‎މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ޙިއްޞާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ވިދާޅުވިއެވެ.
ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ