ޓޫރިޒަމް ދާއިރާގެ ފައިދާ އިތުރުކުރަން ސިނާއަތް ރަނގަޅަށް މެނޭޖްކުރަން ވަނީ ޖެހިފައި: އަދީބް

ޓޫރިޒަމް ދާއިރާއިން ލިބޭ ފައިދާ މިހާރަށް ވުރެ އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާގެ ކަންކަން ކުރިއަށް ގެންގޮސް ޓޫރިޒަމް ސިނާއަތް ރަނގަޅަށް މެނޭޖުކުރަންޖެހޭ ކަމުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަދީބް މިހެން ވިދާޅުވީ ޓޫރިޒަމާ ބެހޭ އދ.ގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ)ގެ އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަ ކޮމިޝަނާއި ދެކުނު އޭޝިއާ އަށް ހާއްސަ ކޮމިޝަންގެ ބައްދަވުމާއި ޔޫއެންޑަބްލިއުޓީއޯގެ މެމްބަރު ގައުމުތަކުގެ މިނިސްޓަރުން ފެންވަރުގެ ސަރަހައްދީ ބައްދަލުވުން ފެށުމަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ފެށުނު މިބައްދަލުވުން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަަށް ބަނޑޮހުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި އަދީބް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ލިބޭ ފައިދާ މުޅި ގައުމަށް ލިބެމުންދާ ކަމަށާއި ޓޫރިޒަމް ދާއިރާއިން ކޮންމެ ރައްޔިތަކަށް ވެސް ފައިދާ ކުރާ ކަން ދިވެހިރާއްޖޭގެ ކަންކަމަށް ބަލާލުމުން އެނގިގެންދާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާއިން ގައުމުތަކަށް ލިބޭ ފައިދާ ބޮޑުވެފައިވާތީ މިނިސްޓަރު އަދީބް އެކަން ސިފަކުރެއްވީ ގައުމުގެ އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުމުގެ ބިންގަލުގެ ގޮތުގަ އެވެ.
"ރާއްޖެ އަކީ ޓޫރިޒަމް ދާއިރާއިން ލިބޭ އިޖުތިމާއީ އިގްތިސޯދީ ފައިދާ ފުރިހަމައަށް ބަލައިގަންނަ ގައުމެއް. ރާއްޖެއަކީ ޓޫރިޒަމް ދާއިރާއަށް އަހައްމިއްޔަތުކަން ދޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ރާއްޖެ ފަދައިން އޭޝިއާ ޕެސިފިކްގައި ހިމެނޭ ބައެއް ގައުމުތަކުގެ އިގްތިސާދު ވެސް ބިނާވެފައި ވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމާއި ގުޅިފައިވާތީ އެދާއިރާ އިން ލިބޭ ފައިދާގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ފައިދާތަކަކާއި ކުރިއެރުންތަކެއް ލިބެމުންދާ ކަަމަށެވެެ.
މިނިސްޓަރު އަދީބް ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ގެންގުޅުއްވާ ފުރިހަމަ ތަސައްވުރުގެ ދަށުން ޓޫރިޒަމް ދާއިރާގެ ތަރައްގީއަށް ރާއްޖެއިން ބޮޑެތި އިންވެސްޓްމަންޓްތަކެެއް ކުރަމުން ގެންދާ ކަމަށެެވެ. ރައީސްގެ ޓޫރިޒަމްގެ ތަަސައްވުރުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަދަދު އަހަރުން އަހަރަށް އިތުރު ކުރުމާއި ރާއްޖޭގައި އުފައްދާ ވަޒީފާ އަދަދު އިތުރުކުރުމާއި އަދި އިންފްރަސްޓްރަކްޗާ އިތުރަށް ތަރައްގީކުރުން ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހި ޕްރޮޖެކްޓްގެ މަސައްކަތާއި ބަރެސްދޫ ގެސްޓްހައުސް މަޝްރޫއާއި އެސްއީޒެޑް މަސައްކަތްތަކާއި މާލޭ އެއާޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓް މިނިސްޓަރު ފާހަގަކުރެއްވި އެެވެ. މީގެ އިތުރުން ޓޫރިޒަމަށް ބޮޑު ބަޖެޓެއް ކަނޑައަޅާ ރާއްޖެއަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެނިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ނިމިގެން ދިޔަ 2014 ވަނަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރި 1.2 މިލިއަން ޓޫރިސްޓުންނަށް ވުރެ އިތުރަށް މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ