އީ.ޔޫއިން ވަކިވުމާމެދު ގޮތެއް ނިންމަން އިނގިރޭސި ރައްޔިތުން މިއަދު ވޯޓްލަނީ

ވަރުގަދަ ބަހުގެ ހަމަލާތަކާއި، ހޫނުގަދަ ބަހުސްތަކާއި "ވިހަ" ކެމްޕެއިނަކަށްފަހު، ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާމެދު ގޮތެއް ކަނޑައެޅުމަށް އެގައުމުގެ ރައްޔިތުންގެ މެދުގައި މިއަދު ވޯޓްލަމުން އެބަގެންދެއެވެ.
މިއަދުގެ މިހާތަނަށްވެސް އެތައް މިލިއަން މީހުން ވޯޓްލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިނގިރޭސި ސިޔާސީ ލީޑަރުންނާއި، ބޮޑުވަޒީރު ޑޭވިޑް ކެމަރަންވެސް ވަނީ މިއަދު ވޯޓް ލައްވައިފައެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި، އީޔޫއިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމައިފިނަމަ އެކަން ވެގެން ދާނީ، ޔޫރަޕްގެ އިއްތިހާދުގެ 60 އަހަރުގެ ތާރީޚްގައިވެސް އެ ޖަމާއަތުން ގައުމެއް ވަކިވާ ފުރަތަމަ ފަހަރަށެވެ. ޔޫކޭ، އީޔޫއިން ވަކިވެއްޖެނަމަ އެކަން ނަމޫނާއަކަށް ބަލައިގެން އެހެން ގައުމުތަކުންވެސް އީޔޫއިން ވަކިވެ، އެ ޖަމާއަތް ރޫޅިގެން ހިގައިދާނެ ކަމުގެ ބިރުވެސް އުފެދިފައި ވެއެވެ.
ޔޫރަޕްގެ އިއްތިހާދަކީ، ދުނިޔޭގައި ކުރެވުނު ބޮޑު ދެ ހަނގުރާމައަށްފަހު ޔޫރަޕްގެ ސުލްހައާއި، އެކުވެރިކަމާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދުގައި މިހާރު މެމްބަރު 28 ގައުމު ހިމެނެއެވެ.
އީޔޫއިން ވަކިވުމަށް އިނގިރޭސިވިލާތުގައި މިއަދު ނަގަމުންދާ ވޯޓްގައި، ވޯޓްލުމަށް 46.5 މިލިއަން ރައްޔިތުން ރަޖިސްޓަރީ ކޮށްފައި ވެއެވެ. އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކަށް މިއަދު ބޯކޮށް ވާރޭ ވެހެމުން ދިއުމާއެކުވެސް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވޯޓްލަމުންދާ ކަމަށް ވެއެވެ. ވޯޓްގެ ނަތީޖާ ލިބޭވަރު ވާނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް، ވަކިވާ ގްރޫޕާއި، ވަކިވާން ބޭނުންނުވާ ގްރޫޕުން މައިގަނޑު ގޮތެއްގައި ކެމްޕެއިން ކޮށްފައިވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ، ހިޖުރަކުރުމާއި، އިގްތިސާދުގެ ވާހަކައިންނެވެ.
މިއަދު ވޯޓްލާން ފެށުމުގެ ކުރިން އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދެއްކިގޮތުގައި، ޔޫރަޕްގެ އިއްތިހާދުން ވަކިނުވެ އޮތުމަށް %52 މީހުން ތާއީދު ކުރެއެވެ.
ޓެލެފޯނު މެދުވެރިކޮށް ނެގި ފަހުގެ އެހެން ޚިޔާލު ހޯދުމަކުންވެސް ދައްކާފައިވަނީ އީޔޫއިން ވަކިނުވެ އޮތުމަށް %48 ތާއީދުކުރާ ކަމަށެވެ. ވަކިވުމަށް ބޭނުންވާ ކަމަށް %42 މީހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ