ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.
ނަޝީދުގެ މައްޗަށް ދަށުކޯޓުން އިއްވި ހުކުމަށް ސްޕްރީމްކޯޓުން ތާއިދުކުރީ ނަޝީދުގެ މައްސަލަ ހައިކޯޓުން ބަލައި ނުގަތް މައްސަލައިގައި ޕީޖީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމުމަށް އެ ކޯޓްގައި ހޯމަދުވަހު ބޭއްވި އަޑުއެހުމުގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކޮށް، ސިފައިންގެ ޓްރޭނިން ރަށް، ގިރިފުށީގައި ބެހެއްޓި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ ޝަރީއަތް 2013 ގައި ފެށި ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް އެތައް ދުވަހަކު މަޑުޖެހިފައި އޮތުމަށް ފަހު ޝަރީއަތްތައް އަލުން ފަށާ ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ 13 މާރޗުގައެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން ބުނަމުން އަންނަނީ އެ ޝަރީއަތުގައި ޖަވާބުދާރީވުމަށް ރައީސް ނަޝީދަށް އެކަށީގެންވާ ފުރުސަތެއް ނުދޭ ކަމަށެވެ.
އަދި އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ވަނީ ބުނެފައި. އެ މައްސަލަ ރައީސް ނަޝީދުގެ ފަރާތުން އދ ގެ ވޯކިން ގްރޫޕް އޮންއާބިޓްރަރީ ޑިޓެންޝަންއަށް ހުށަހެޅުމުން އެ ގްރޫޕުން ނިންމީ ރައީސް ނަޝީދުގެ މައްޗަށް ކުރި ޝަރީއަތަކީ އިޖުރާއަތްތައް ފުރިހަމަ ނުވާ ޝަރީއަތެއް ކަމަށެވެ.
އެހެންވެ، ރައީސް ނަޝީދު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށްބުނެ، ރައީސް ނަޝީދު ދޫކޮށްލުމަށް އެ ގްރޫޕުން ރާއްޖެއަށް ލަފާއެރުވިއެވެ.
ސުޕްރީމް ކޯޓުން މި މައްސަލާގައި އިއްވި ހުކުމުގައި ދަށު ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.
ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ރައީސް ނަޝީދަށް މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ލިބެންޖެހޭ ހައްގުތައް ވެސް ރައީސް ނަޝީދަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން ވަކީލަކު އައްޔަންކުރުމާއި ހެކި ހުށަހެޅުންފަދަ ހައްގުތައް ރައީސް ނަޝީދަށް ކުރިމިނަލް ކޯޓުން ކަށަވަރުކޮށްދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކީލަކު ހޯދުމުގެ ފުރުސަތު ރައީސް ނަޝީދަށް ދެވިފައިވާއިރު ކޯޓުގައި ވަކާލާތު ކުރައްވާފައިވަނީ ވެސް ވަކީލަކާއެކު ކަމަށެވެ.
ނަމަވެސް ޝަރީއަތް ހިނގަމުންދަނިކޮށް ވަކީލުން އަމިއްލައަށް މައްސަލައިން ތަނާޒަލުވެފައިވާ ކަމަށާއި އޭގެ ފަހުން ވެސް ރައީސް ނަޝީދަށް ވަކީލުން އައްޔަންކުރައްވަން ކޯޓުން ފުރުސަތުދިންކަން އެނގެން އޮންނަ ކަމަށެވެ.
އަދި ނަޝީދަށް އިސްތިއުނާފްގެ ހައްގު އޮތް ނަމަވެސް އިސްތިއުނާފްގެ މުއްދަތު ހަމަވިއިރު ވެސް ދަށު ކޯޓުގެ ނިންމުން ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރާކަމަށާއި، އިސްތިއުނާފަށް ހުށަހަޅަން އޮންނަ މުއްދަތުގައި ހުށަނޭޅުނީ މަގުބޫލު ސަބަބެއް އޮވެގެން ކަމަށް ބުނެ އޭގެފަހުން ވެސް ނަޝީދުގެ ފަރާތުން ހައި ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުގެ ހުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ، ނިހާއީ ހުކުމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަޝީދުގެ ޝަރީއަތް ހިންގުމުގެ ހުރިހާ އިޖްރައާތުތައް ރަނގަޅު ކަމަށް ވެސް ސުޕްރީމް ކޯޓުންވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ނަޝީދުގެ ޝަރީއަތާ ބެހޭގޮތުން ބަހުސްކުރި މައިގަނޑު ހަތަރު އިޖްރައާތް ކަމުގައިވާ، އެކަށީގެންވާ ވަގުތާއި ވަސީލަތް ނަޝީދަށް ލިބުނުކަމާއި، ވަކީލުންގެ އެހީތެރިކަން ނަޝީދަށް ލިބުނުކަމާއި، ނަޝީދުގެ ދިފާއީ ހެކިން ހާޒިރުނުކުރުމާއި، ފަނޑިޔާރުންގެ އިންސާފުވެރިކަން ގެއްލޭ ކަމެއް ނެތްކަމަށް ކަނޑައަޅާ، އެ އިޖުރާތްތަށް ނިންމާފައިވަނީ ރަނގަޅަށްކަމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމެއްގައި ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރައީސް ނަޝީދުގެ ޝަރީއަތަކީ އެމަނިކުފާނު 13 އަހަރަށް ޖަލަށްލި މައްސަލައިގެ ޝަރީއަތެއް ނޫން ކަމަށާއި، އެ ޝަރީއަތަކީ ހައި ކޯޓުން ނިންމި ނިންމުން ކަށަވަރު ކުރުމާ ގުޅޭ މައްސަލައެއް ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދަށް އިންވި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ބޭސް ފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ދިން ހުއްދައާ އެކު އެ ގައުމަށް ވަޑައިގެން ނަޝީދު ވަނީ އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.
ހުކުމަށް ފަހު ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަނޭޅީ ރާއްޖޭގެ ކޯޓަކުން ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެސް ނަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާތައް ފާހަގަކޮށްފައި ނެތް ކަމަށާއި، އެއީ އިންސާފުވެރިހުކުމެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ހިސާން ވިދާޅުވެވެ.
ހިސާން އިތުރަށް ވިދާޅުވީ ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުގައި ނަޝީދު ކުރައްވަމުންގެންދަވާ މަސައްކަތާއި، މުއައްސަސާތައް އިސްލާހު ކުރަން ފިޔަވަޅު އަޅަން ކުރާ މަސައްކަތްތަށް އަދިވެސް ނަޝީދު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ