ހއ. އަތޮޅުގައި އައިހެވަން މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް އެ މަޝްރޫއު ކާމިޔާބު ކުރުމަށް 14000 މީހުން އާބާދީއެއް އެތަނުގައި އެއްފަސް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ހއ. އަތޮޅު ކައުންސިލުން އެ އަތޮޅު ދިއްދޫގައި ހއ. އަތޮޅުގެ ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބޭއްވި "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ" ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އައިހެވަން މަޝްރޫއަކީ އެއްބިލިއަން ޑޮލަރުގެ އާދަޔާ ހިލާފު ބޮޑު މަޝްރޫއެއް ކަމަށާއި ނަމަވެސް މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި އެތަނުގައި 14000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވަން ޖެހޭ ކަމަށް އައިހެވަންގެ ދިރާސާ ހެދި ފަރާތުން ބުނެފައިވާ ކަމަށެވެ.
އައިހެވަންގެ ފީޒިބިލިޓީ ސްޓަޑީޒް ހަދާފައިވަނީ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އިންނެވެ.
"އެތަނުގައި މިވަރުގެ އާބާދީއެއް އޮންނަންޖެހެނީ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ތަރައްގީގެ މަސައްކަތްތައް ވެސް ކުރުމަށް. ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތަކުގެ މީހުން އެބަޖެހޭ ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަން،" އުމަރު ވިދާޅުވި އެވެ.
އައިހެވަން މަޝްރޫއު ކާމިޔާބު ކުރުމަށް އެތަނަށް 14000 މީހުންގެ އާބާދީއެއް ބޭނުންވާ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި ނަމަވެސް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހއ. އަތޮޅުގެ މިހާރުގެ އާބާދީއަކީ 14464 މީހުންނެވެ.
މިނިސްޓަރު ވިދާޅުވީ އައިހެވަން މަޝްރޫއަށް ސައުދި އަރަބިއްޔާގެ ޝައުގުވެރިކަން ހުރުމުން މި މަޝްރޫއު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އެތަނުގައި ޓްރާންސްޝިޕްމަންޓުގެ އިތުރުން ތެޔޮ ރައްކާ ކުރާ ތަނަކާއި ބަންކަރު ފަދަ ތަންތަން ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އައިހެވަން އެއާޕޯޓަކާއި ޔޮޓް މެރީނާއެއް ހެދުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އުމަރު ވިދާޅުވީ އެއްފަސްވާން ޖެހެނީ ހަމައެކަނި އައިހެވަން މަޝްރޫއަށް އެކަނި ނޫން ކަަމަށެވެ. ރާއްޖެ ތަރައްގީވާން ބޭނުންވާނަމަ އެއްފަސްވާން ޖެހޭ ކަމަށާއި ނަމަވެސް ރައްޔިތުންނަށް މަޖުބޫރުކޮށްގެން ސަރުކާރުން އެއްފަސްކުރަން ބޭނުން ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ތަރައްގީވާ ތަންތަނަށް ރައްޔިތުން އަމިއްލައަށް ހިޖުރަކުރަމުންދާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްފަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ގިނަ ކަމަށެވެ.
އައިހެވަން މަޝްރޫއާ ގުޅޭ ގޮތުން އުމަރު ވާހަކަ ދައްކަވާފައިވާއިރު ސަރުކާރުގެ ދެ ވަޒީރަކު މިހާރު ތިއްބެވީ ސައުދި އަރަބިއްޔާގަ އެވެ. މި ދެ ވަޒީރުންގެ ސައުދީ ދަތުރުފުޅުގައި އައިހެވަން މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭ އެންމެ ފަހުގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އައިހެވަން މަޝްރޫއު ކާމިޔާބުކުރަން 14000 މީހުންގެ އާބާދީއެއް ބޭނުންވޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ