ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށްކުރި އަމުރު ތަންފީޒުކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތަށް އެމަނިކުފާނު ކޯޓަށް ސަބަބެއް އެންގެވުމެއް ނެތި ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. ސަބަބެއް ކޯޓަށް އަންގާފައިނުވާތީ މައްސަލަ ބަލާ ހުޅުމާލެ ކޯޓުން އިއްޔެ ވަނީ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން އަންނަ އާދިއްތަ ދުވަހު ހަވީރު 4 ޖަހާއިރު ކޯޓަށް ހާޒިކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފައެވެ.
އެމްޑީޕީން ކުރިއަށްގެންދާ "ވައުދުގެ ދަތުރު"ގައި މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ފުރާވަޑައިގެންފާވާއިރު އެމަނިކުފާނު އިއްޔެ ވަޑައިގެންފައިވަނީ ކޮލަމާފުއްޓަށެވެ. އަދި މިހާރު ހުންނެވީ ގއ. ކުއްޑޫގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ހުޅުމާލޭ ކޯޓުން ކުރި އަމުރަށް ފުލުހުން ބޯލަނބާނެ ކަމަށާއި އެއަމުރު ތަންފީޒުކުރުމަށް ފުލުހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ބުނަނީ ޗިޓު ރައްދުވެ މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ޑީޕީއާރުއެސްގެ ބެލުމުގައި ދަށުން ކޯޓަށް ހާޒިރުކުރަން ވާނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތަށް ރައީސް މުހަންމަދު ނަޝީދު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ނަޝީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ނަމަވެސް މިކަމާއި ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އާއި ސުވާލުކުރެއްވުމުން ވިދާޅުވީ އެކަމާއި ބެހޭގޮތުން އިތުރު އެއްޗެއް ދަންނަވަން ނެތް ކަމަށެވެ.
އަބްދުﷲ ގާޒީ ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ނިޒާމްގެ ތެރެއިން ގެއްލުވާލާފައިވާ މައްސަލާގައި ނަޝީދުގެ އިތުރުން ޖިނާއީ ދައުވާކުރަނީ އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ.
އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ރައީސް ނަޝީދަށް ޖަލު ހުކުމް އައިސްފިނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ.
ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރު ތަންފީޒުކުރާނެ - ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ