ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުން އެދި ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.
އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދީ ނ. ވެލިދޫ އެލްޕާސޯ މުހައްމަދު ހަލީމެވެ.
ގާނޫނީ ވަކީލު މުހައްމަދު ހަލީމް ހުށަހެޅި މި ދައުވާގައި ބުނަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނުތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައި ވާއިރު އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ދީފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް މިހާރު ވަނީ ދީފައެވެ.
އަދި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލަ އާޒިމާއި ނާޝިޒަށް ރައްދުވާތީ މި ދެ ބޭފުޅުންގެ މެންބަރުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ލޯނަން ގެރެންޓީ ދެއްވި ތިން ބޭފުޅުންގެ ތެރޭގައި އެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ހުކުމް ރައްދުވާ މީހުންގެ ތެރޭގައި މ. ރަފީގުގޭ އަހްމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓާއި ކަނބާލިފަރު އިންވެސްޓްމަންޓް ހިމެނެ އެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައިވާގޮތުން 15 ދުވަހުގެ ތެރޭގައި އެތަންތަން ބޭންކާ ހަވާލުކުރަން ޖެހޭނެއެވެ.
ފުނައްޑޫ އަށް ބީއެމްއެލް އިން ފަސް ލޯނެއް ދޫކޮށްފައިވެ އެވެ. އެއީ 35،980،000ރ. ގެ ޑިމާންޑް ލޯނަކާއި 3،500،000 ޑޮލަރުގެ ޑިމާންޑް ލޯނަކާއި 10،280،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 12،000،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 1،200،000 ޑޮލަރުގެ އޯވަޑްރާފްޓް ފެސިލިޓީއެކެވެ. ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސްލޯނުގެ އަދަދު އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރައެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
ނާޝިޒާ އާޒިމްގެ ގޮނޑިއާމެދު ގޮތެއް ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ