އަބްދުﷲ ގާޒީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލް ކުރުމުން ޖޭއެސްސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޖޭއެސްސީގެ ނިންމުން ސިވިލް ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހެޅިކަން ސިވިލް ކޯޓުގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް އަދި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވެ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ގުޅޭގޮތުން ދިޓީވީގައި އަބްދުﷲ ގާޒީ ދެއްކެވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް އަބްދުﷲ ގާޒީ އެހެން ވިދާޅުވިކަން ސާބިތުވާވަރުގެ ކާފީ ހެއްކެއް ނެތް ކަމަށް ބުނެ ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި ނިންމުމާއި އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ޖުލައި 16، 2009 ވަނަ ދުވަހުގެ ރޭ 8:00 ޖެހީއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ