ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އަންގާފައިވާ މައްސަލަ ސަރުކާރުން އިސްތިއުނާފުކޮށްފި އެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ މައްސަލަ ހައި ކޯޓުގައި ބަލައިގަނެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ތިން އަހަރުގެ ޖަލު ހުކުމެއް ގާސިމަށް އިއްވާފައިވާއިރު އެދުވަހު ބޭއްވި ޝަރީއަތެއްގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ގާސިމް މިވަގުތު އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
އިތުރު ބޭސްފަރުވާ ދިނުމަށާއި، ޓެސްޓްތަކެއް ހެދުމަށް ވީހާވެސް އަވަހަކަށް ޤާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވީނަމަވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާޢީ ކަންތައްތަކެއް ފުރިހަމަ ނުކުރެވި ގާސިމް ބޭރަށް ގެންދެވޭ ގޮތެއް މިހާތަނަށް ވަނީ ނުވެފައެވެ. ރަސްމީ ގޮތެއްގައި ޤާސިމްގެ ފަރާތުން އޭނާ ބޭރަށް ފޮނުވުމަށް އެދިފައިވަނީވެސް ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
ގާސިމްގެ ބޭސްފަރުވާގެ އިންތިޒާމު ވަރަށް އަވަހަށް ޖެހިގެންދާނެ ފަދަ އުއްމީދުތަކެއް ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ގާސިމް ބޭރަށް ފޮނުވުމުގެ މައްސަލަ އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ